ރާއްޖޭގެ ސިޔާސީ މަޞްރަޙުގައި މި ދުވަސްވަރު އެންމެ ހިނގަމުން އަންނަ އެއްވާހަކައަކީ ރާއްޖެ ލާމަރުކަޒީ އުޞޫލުން ހިންގާ ވާހަކައެވެ. ކައުންސިލްތަކައް ބާރުތައް ދޫކޮށް އެކަން ކުރަން ތައްޔާރުވަމުން އަންނަ ވާހަކައެވެ. ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގުން ޙަޤީޤަތައްވެސް މާ ބޮޑަށް ލަސްވެއްޖެއެވެ.
ދިގު 30 އަހަރުގެ ހުދުމުހުތާރު ވެރިކަމަކަށްފަހު ރާއްޖޭގެ ވެރިކަމާ އެމްޑީޕީން ޙަވާލުވުމަށްފަހު ރާއްޖެ ލާމަރުކަޒު ކުރުމުގެ ފުރަތަމަ މަސައްކަތް ފެށިއެވެ. ނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައާއި ޚަޒާނާގެ ޖާހަތުގައި ބަޔަކު ވެރިކަން ވައްޓާލާ ކުރިލައި ހެދުމުން އައި ލާމަޒުކަޒީ ނިޒާމު ފުނޑާލިއެވެ.
އެހިސާބުން ލާމަރުކަޒުކުރަން ފެށި މަސައްކަތް ނަމެއްގައި ކޮށް އަނެއްކާވެސް މުށުތެރެއަށް އާރާއި ބާރާއި ޖާހަތު ލައި، ހަތް އަހަރު މާޒީގެ ތެރެއަށް ދުއްވާލިއެވެ. ދެން ދައްކަން އޮތީ ވެރިކަމަށް އައި ފިޔާތޮށި ކުލައެއްގެ ބައެއްގެ ވާހަކައެވެ. ލާމަރުކަޒު ކުރަން ނޭނގި ތިބެ މޮޅުތި އިކޮނަމިސްޓުންނަށް ހެދިގެން ކުރެވުނު އެއްވެސް ކަމެއް ވެރިކަމުގެ ފަސް އަހަރު ދުވަހު ނުވިއެވެ.
ރައްޔިތުން އެ ބަލައި ނުގަނެ ހުދުމުހުތާރު ވެރިކަމެއް ބަލިކޮށް އަނެއްކާވެސް އެމްޑީޕީއަށް ރައްޖެ ލާމަރުކަޒުކޮށް ހިންގަން ފުރުޞަތު ދިނެވެ. ޕީޕީއެމަށް އެ މަސައްކަތް ކުރަން ފަސް އަހަރު މުޅި ސަރުކާރާއި މަޖިލީހާއި ޝަރުއީ ނިޒާމް ދިނުމުން ބޭނުން ގޮތަކަށް ލާމަރުކަޒީ ޤާނޫނު މޮޑެލާ ހެނދުނު ސަޔަށް ހަދާ މަސްހުނިގަނޑެއް ހެން ހަދާލިއެވެ.
ފެހި ޤާނޫނު އަސާސީގެ ފަހުން އަދި ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވެ ފަސް އަހަރުގެ ޓާމެއް ފުރިހަމަ ކުރި އަދި ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން ޚިޔާނާތްތެރިވި ވެރިޔަކު ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ދެއްކި ވާހަކައެއް މިތަނުގައި ޙިއްސާކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމަވެ.
ކަޅުފައިސާ ދޮވުނުކަމުގެ ކުށްސާބިތުވެގެން ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް އަދި ޕީޕިއެމްގެ ޢާންމު މެންބަރެއް ކަމަށްވާ މއ. ކާމިނީ ހުޅަނގު ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ ރާއްޖޭގައި ޤާއިމުކުރެވިފައިވާ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ފަދަ ޤައުމަކަށް އެންމެ އެކަށޭނެ ނިޒާމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޤަބޫލު ނުކުރާ ސަބަބަކީ ލާމަރުކަޒީ ނިޒާމު ހިންގަން އުޅެގެން ވަރަށްބޮޑެތި އުނދަގޫތަކާ ކުރިމަތިލާފައިވާ ކަމަށެވެ.
އެމްޑީޕީން އަނެއްކާވެސް އެ ނިޒާމު އަލުން ކޮޅަށް ޖަހަން މަސައްކަތްކޮށް ފުރިހަމަ ނިޒާމެއް ޤާނޫނަކުން ރައްޔިތުންނަށް މިވަނީ ގެނެސްދީފައެވެ. ނަމަވެސް އަނެއްކާވެސް މި ފެންނަނީ އެއްކަލަ ފިޔާތޮށި ކުލައިގެ މީހުން އެއަށް ވެރިވެގަންނަން މަސައްކަތް ކުރާ ތަނެވެ. ފިޔާތޮށި ލަޝްކަރުގެ އިސްވެރިޔާކަމަށް އެބައިމީހުން ދަޢުވާ ކުރާ ޔާމީން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ފަދަ ޤައުމަކަށް އެއްމެ އެކަށޭނެ ނިޒާމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ދެން މިވެރިން އަނެއްކާ ނުކުމެ އެވެރިންގެ ވެރިމީހާ ޖަލަށްލީމަ ނުކިޔަމަންތެރިކަން ދައްކަން މި ނިޒާމަށް ވެރިވެގަންނަށް މަސައްކަތްކުރާ އެއްވެސް ސަބަބެއް ނެތެވެ.
ޕީޕީއެމަކީ ރާއްޖޭގެ ވެރިކަން ހިންގަން ފުރިހަމަ އިޚުތިޔާރާއި ބާރު ލިބި އެކަން ނުކުރެވުނު ބަޔެކެވެ. އެހެންކަމުން މިއަދު އެކަން ކުރަން އެ އުޅެނީ ކީއްވެކަމާމެދު ސުވާލު އުފައްދަން ޖެހެއެވެ. މިބައި މީހުންނަށް އެކަން ކުރަން ނުކުމެ އުޅޭ މަޤުޞަދާ މެދު ވެސް ސުވާލު އުފެދެއެވެ.
ލާމަރުކަޒީ ފުރިހަމަ ނިޒާމަކުން ބާއްވާ ފުރަތަމަ ކައުންސިލް އިންތިޚާބުގައި މިބައި މީހުން ނުކުމެތިބީ އެވެރިންގެ ވެރި މީހާ ދޫކޮށްލަށް ގޮވާލާ ޕޯސްޓަރުތައް ހިފައިގެންނެވެ. ކައުންސިލަރުން ހޮވައިގެން ނުވަތަ ރަށެއްގެ އަދި އަތޮޅެއްގެ އަދި ކުޑަމިނުން ސިޓިއެއް ހިންގާނެއް ތަޞައްވުރެއް ކަރުދާހަކަށް ތިރިކުރެވިފައި ނެތެވެ. ގެންގުޅޭހާ ކަރުދާހެއްގައި އޮތީ "ފްރީ ޕްރެޒިޑެންޓް ޔާމީން" އެވެ. މިއީ ލާމަރުކަޒު ކުރަން މި މީހުންގެ ވިސްނުން ހުރި ގޮތެވެ.
ދައްކަން މިއުޅެނީ ކައުންސިލް އިންތިޚާބަކަސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަކަސް އަދި ދެދޮރު ދޭތެރޭގެ އެއްވުމަކަސް، ޝިޢާރަކީވެސް ބޭނުމަކީ ވެސް އެދުމަކީ ވެސް ޔާމީން މިނިވަން ކުރަން މަސައްކަތް ކުރުމެވެ. ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ އާރާ ބާރާއި އިޚުތިޔާރުގައި އެ ނިޒާމު ހިންގުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.
އަދިވެސް ދައްކަން ހުރި ވާހަކަ ގިނައެވެ. ވެރިކަމުގެ 5 އަހަރު ފުރިހަމަ ކުރި އިރު ކައުންސިލަރުން ސަސްޕެންޑް ކުރެވުނު ޢަދަދު އިނގިލިން ގުނާ ނުލެވެއެވެ. ލޯކަލް ގަވަރންމަންޓް އޮތޯރިޓީއެއް މުށުތެރެއަށް ލައިގެން މަރުކަޒީ ބާރު ހިންގާ ކައުންސިލްތައް ހުއްޓުވާލާ މަގުމަތިކޮށްލިއެވެ. ތަނެއް ނުދައްކާ ކައުންސިލްތައް މަގުމައްޗަށް ނެރެލިއެވެ. ވެރިކަމުގެ އާރާ ބާރުގައި ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި ފަސޭހަތައް މިނިސްޓަރެއްގެ އަތަށްދީ އެ މިނިސްޓަރު މޮޑޭނެހާ ގޮތަކަށް މޮޑެން ދޫކޮށްލިއެވެ.
ހުތުރު ގޮތަކަށް ލާމަރުކަޒީ ނިޒާމުގެ ޢިއްޒަތާއި އަބުރު ދުއްވާލާފައި މިބައި މީހުން މިއަދު ނުކުމެ މިތިބީ ހަމަ މިކަން ކުރަންކަމާމެދު ދިވެހި ރައްޔިތުން ފުންކޮށް ސުވާލު އުފައްދަން ފެނެއެވެ. ގޯނި ގޯނީގައި ފައިސާ އުފުލި މީހުންނާއި، ވެރިކަން ނިމި އަނެއް ދުވަހަކަށް އިރު އަރާ އަނެއް ވެރިކަން ފެށެންދެން މިނިސްޓްރީގައި ލިސްުތަކައް ފުލެޓް ބަހަން އުޅުނު މީހުން ވެސް ލަމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަން ޕޯޑިއަމްތަކަށް އަރާ ތިބެ ކަރުގެ ނާރުތައް ފުއްޕާލާފައި ދައްކާ ވާހަކަތަކަށް ރައްޔިތުން ސަމާލުވާން ޖެހެއެވެ.
މިދިޔަ ކުރު މާޒީގައި ރާއްޖޭގެ ޅަފަތުގައި އޮތް ޑިމޮކްރަސީ ދުށް މަންޒަރަކީ އެ ޑިމޮކްރަސީން ރައްޔިތުންނަށް އަޅާލަން މަސައްކަތް ކުރި ބަޔަކީ އެމްޑީޕީކަމެވެ. އަދި ނުވިތާކައް މަރުކަޒީ ސަރުކާރުގެ ބާރު ބަހާލާ ލާމަރުކަޒު ކުރަން ވެސް މަސައްކަތް ކުރި ބަޔަކީ ހަމަ އެމީހުންނެވެ. އެހެންކަމުން ފިޔާތޮށި ކުލަ ކިތައްމެ ގަދަކުރިޔަސް އެބައި މީހުންނަށް ލާމަރުކަޒުކުރުމުގެ އެއްވެސް ކަމެއް ތަންދޮރުނުފިލާނެއެވެ.
މާދަމާއަކީ ތިޔަ ހުރިހާ ދިވެހި ރައްޔިތުން ވޯޓުލާނެ ދުވަހެވެ. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ލިބިފައި އޮތް ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ މާދަމާ ދޭ ވޯޓަކުންނެވެ. ކަޅުފައިސާ ދޮވުނު ވެރިޔަކު ޖަލުން ނެރެން ކުރާ މަސައްކަތަކުން ނޫނެވެ.