ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 07:49
އެންވަޔަރަންމަންޓް މިނިސްޓަރ ވ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
އެންވަޔަރަންމަންޓް މިނިސްޓަރ ވ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ތިމާވެށި
ވ އަތޮޅުގެ ރަށްރަށުގެ ތިމާވެށީގެ ހާލަތު އެންވަޔަރަންމަންޓް މިނިސްޓަރ ބައްލަވާލައްވައިފި
މިނިސްޓަރާއެކު މިނިސްޓްރީގެ ޓެކްނިކަލް ޓީމެއް ވަނީ ރަށްތަކަށް ގޮސް ތިމާވެށީގެ ހާލަތު ބަލާފައި
ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް މިފަހަކަށް އައިސް އަންނަނީ ގިރަމުން

އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވ އަތޮޅުގެ ރަށްރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައިފި އެވެ.

އެގޮތުން މިނިސްޓަރާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމު ވަނީ ވ. ފުލިދޫގެ ރަށް ގިރުމުގެ މައްސަލަ ބައްލަވާލެއްވުމަށް އެރަށުގެ ގިރާ ޞަރަޙައްދަށް ވަޑައިގެންފައެވެ. އަދި މިނިސްޓަރ ވަނީ ފުލިދޫ ކައުންސިލާއި ބައްދަލުކުރައްވާ އެ ރަށުގެ ރަށްގިރުމާއި، ތިމާވެށީގެ އެހެނިހެން މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ ވ. ފުލިދޫގެ ކުނި މެނޭޖްކުރާ ޞަރަޙައްދުވެސް ބައްލަވާލައްވާފަ އެވެ. މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ވ. ތިނަދޫގެ ކައުންސިލާއި ބައްދަލުކޮށް އެ ރަށުގެ ރަށް ގިރާ މައްސަލައާއި ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެރަށުގެ ކުނި މެނޭޖްކުރާ ޞަރަޙައްދު މިނިސްޓަރ ވަނީ ބައްލަވާލައްވާފަ އެވެ.

މިނިސްޓަރާއި، މިނިސްޓްރީގެ ޓެކްނިކަލް ޓީމް ވަނީ ވ. ރަކީދޫގެ ތިމާވެށީގެ ހާލަތު ބެއްލެވުމަށް އެރަށަށް ވަޑައިގަތް އެރަށުގެ ރަށްގިރާ ޞަރަޙައްދު ބައްލަވާލައްވާފަ އެވެ.

މީގެއިތުރުން ވ. ކެޔޮދޫ އަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ބައްދަލުކޮށް އެ ރަށުގެ ރަށް ގިރުމާއި ކުނި މެނޭޖް ކުރުމުގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި އެރަށުގެ ގިރާ ޞަރަޙައްދު މިނިސްޓަރ ވަނީ ބައްލަވާލައްވާފަ އެވެ.

ރާއްޖޭގެ ރަށްރަށަށް މިފަހުން ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލާގައި މިނިސްޓަރ ގެންދަވަނީ ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ޙާލަތު ބައްލަވަމުންނެވެ. މީގެއިތުރުން މިނިސްޓްރީ އާއި އީޕީއޭގެ ޓީމުތައްވެސް އަންނަނީ އެރަށްރަށަށް ގޮސް އެރަށްރަށުގައި ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރވޭކުރަމުންނެވެ.

ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެމުން ބުނެފައިވަނީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ރަށްތައް ގިރަމުން ދަނީ "އިންޑިއަން އޯޝަން ޑައިޕޯލް "(އައިއޯޑީ)ގެ ސަބަބުން ކަމަށެވެ.

އިންޑިއަން އޯޝަން ޑައިޕޯލް ނުވަތަ އިންޑިއަން ނިނޯ އަކީ މޫދު ލޮނުގަނޑުގެ ފިނި ހޫނުމިނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކެކެވެ.

- ކޮމެންޓް