އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޯންމަތުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.
ބޯންމަތުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.
މި މެޗު އެއްވަރުވުމުން ތިންވަނައިގައި އޮތް ލެސްޓާއާ ފަރަގު ކުޑަކުރަން ޗެލްސީއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ތާވަލުގެ ތިންވަނައިގައި 28 މެޗުން 50 ޕޮއިންޓާއެކު ލެސްޓާ އޮތްއިރު، ޗެލްސީ ހަތަރުވަނައިގައި އޮތީ 28 މެޗުން 45 ޕޮއިންޓާއެކު އެވެ. ޗެލްސީއާ އެއްވަރުކުރި ބޯންމަތު އޮތީ ތާވަލުގެ 18 ވަނައިގައި 28 މެޗުން 27 ޕޮއިންޓާއެކު އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު މާކޮސް އެލޮންސޯ އެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން ގާތްގާތުގައި ދެ ލަނޑު ޖަހާ ބޯންމަތުން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ރަޔާން ފްރޭސާގެ އެހީއާއެކު ޖެފާސަން ލާމާ ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ޖެކް ސްޓޭސީގެ އެހީއާކު ބޯންމަތަށް ލީޑު ނަގައިދިނީ ޖޯޝުއާ ކިންގް އެވެ.
މި މެޗުން ޗެލްސީ ސަލާމަތްވީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާކޮސް އެލޮންސޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޯންމަތާ ޗެލްސީ އެއްވަރުވިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ މާޗު މަހުގެ 8 ވަނަ ދުވަހު އެވެ. އެ ދުވަހު ޗެލްސީ ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.