އިދިކޮޅު ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި "މިއީ މަގޭ ރާއްޖެ' ޖަލްސާއިން ސާފުވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނެވީ ޖަލުގައި ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)، ޑރ. މުޙައްމަދު ޖަމީލު އަޙްމަދަށް ރައްދު ދެއްވައިފިއެވެ.
މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ، މިހާރު ޔާމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި، އަދި މިހާރު ލޯޔަރުންގެ ޓީމުގައި އެންމެ އިސްކޮށް ޙަރަކާޔްތެރިވަމުން ގެންދަވާ ޑރ. ޖަމީލަށް އިންތި ރައްދު މި ދެއްވީ ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނުގެ ސަރުކާރުން ކުރި އިޚުލާޞްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފިކަމަށް ޖަމީލް ވިދާޅުވުމާއި ގުޅިގެންނެވެ.
ޑރ. ޖަމީލް ވިދާޅުވީ އެކަމުން ސާބިތުވެގެން ދިޔައީ، އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމާއި ،އާންމުވަމުންދާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ އިތުރުން ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަން އެ ޖަލްސާއިން އެނގިގެން ދިޔަ ކަމަށެވެ.
ޑރ. ޖަމީލަށް ރައްދު ދެއްވާ އިމްތިޔާޒް ވިދާޅުވީ އެ ޖަލްސާއިން ސާފުވެގެން ދިޔައީ ތިން ކަމެއްވާ ކަމަށެވެ. އެއީ ޔާމީނު މިހާރު ހުންނެވީ ޖަލުގައި ކަމަށާއި އޭގެއިތުރުން، އެއްވެސް ހުރަހެއް ނެތި އެއްވުންތައް މިހާރު ބޭއްވޭކަން ކަމަށެވެ.
ރައީސް ޔާމީނުގެ ދައުރުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލްއެވެ. އޭނާ އެ މަޤާމުން ދުރުކުރެއްވުމުން ރައީސް ޔާމީނަށް އޭރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއިން ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމި ހިސާބުން ޑރ. ޖަމީލް ވަނީ ކޯލިޝަން މަސައްކަތުން ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންފައެވެ. އަދި މިހާރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީވެސް ޑރ. ޖަމީލެވެ.