ބޮލީވުޑްގެ ސުޕަރ ސްޓަރ ރިތިކް ރޯޝަންގެ ފޭނުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދެއެވެ.
އޭނާއަށް ގިނަ ބައެއްގެ ސަޕޯޓްލިބިފައި މިވަނީ ހަމައެކަނި އޭނާގެ އެކްޓިން ކަމުގެ ގޮސްގެނެއް ނޫނެވެ. އެކްޓިންގެ އިތުރުން އޭނާގެ ރީތީކަމަށްވެސް ތަޢުރީފު ކުރާ އެތައް ބަޔަކު ދުނުޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދެއެވެ.
ރިތިކްގެ ފުރަތަމަ ފިލްމް ކަހޯނާ ޕިޔާރުހޭ ރިލީޒްކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އޭނާ ދަނީ އެތައް މިލިއަން މީހުންގެ ހިތް އަތުލަމުންނެވެ. ރިތިކްގެ ކެރިއަރ އާ އުޅޭގޮތުން އޭނާގެ ފޭނުންނަށް އަނެއްކާވެސް މިއޮތީ ވަރަށް މުހިއްމު ޚަބަރެއް ލިބިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން "ވޯރ" ގެ ތަރި ރިތިކްގެ ޕްރިޔަންކާ ޗޯޕްރާ އާއި ދިޕިކާ ޕަދުކޯން އާއި އެއްހަމައެއްގައި ފައިހަމަކޮށްލާ މަންޒަރު ވަރަށް އަވަހަށް ފެނިގެން ދާނެއެވެ.
އެގޮތުން ހޮލީވުޑްގެ ފިލްމަކުން ރިތިކް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޚަބަރުތައް ބުނާގޮތުން ދާދިފަހުން ރިތިކް ވަނީ ކެލިފޯނިއާގައި ހުރި އެޖެންސީއަކާއި އެކު ޕްރޮޖެކްޓެއްގައި ސޮއިކޮށްފައެވެ. އެކަން ވަނީ ރިތިކްގެ މެނޭޖަރުވެސް ޔަޤީންކޮށްދީފައެވެ. ނަމަވެސް މި ޕްރޮޖެކްޓާއި ގުޅޭ އިތުރު ތަފުޞީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިއީ ރިތިކް ފެނިގެންދާނެ ފުރަތަމަ ހޮލީވުޑް ފިލްމުކަން ވެސް އޭނާ ހާމައެއް ނުކުރެއެވެ. ރިތިކްގެ މެނޭޖަރ ބުނެފައިވަނީ ރިތިކްގެ ވިޝަން ކާމިޔާބު ކުރުމަށް އެ އެޖެންސީން މަސައްކަތްކުރާނެ ކަމަށެވެ.
ރިތިކް ވަނީ 2019 ވަނަ އަހަރު ކާމިޔާބު ދެ ފިލްމެއް ބެލުންތެރިނާއި ހަމައަށް ގެނެސްދީފައެވެ. އެއީ "ސުޕަރ30" އަދި "ވޯރ" އެވެ.