ހައިކޯޓުގެ ފަނޑިޔާރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
ހައިކޯޓުން ބުނީ، ހޮނިހިރު ދުވަހު ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ، އަންނަ އޭޕްރީލް މަހު ނެގުމަށް ހަމަޖެހިފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ބެހޭގޮތުން ފަނޑިޔާރުންނަށް މަޢުލޫމާތު ދެއްވުން ކަމަށެވެ.
ހައިކޯޓުގައި އޮތް މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުލް ރައޫފު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް މޫސާ ޙަލީމާއި ޑިރެކްޓަރ ޔޫސުފް ޝިރާޒްއެވެ.
ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ކަމާބެހޭ އިދާރާތަކާއި ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މީރާއިން ދަނީ ކުރަމުން ނެވެ.
މީރާއިން ބުނެފައިވާގޮތުގައި، އަމިއްލަ ފަރުދުންގެ ޢާމްދަނީން ނަގާ ޓެކްސްއަށް ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށެވެ. އަދި މީރާގެ ޕޯޓަލް މެދުވެރިކޮށް ސުވާލު ފޮނުވާ ފަރާތްތަކަށް ވެސް މަޢުލޫމާތު ސާފުކޮށްދެމުންދާނެ ކަމަށް ވެސް މީރާއިން ބުނެއެވެ.
ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ތަސްދީޤު ކުރެއްވީ ޑިސެންބަރުމަހުގެ 17 ވަނަ ދުވަހުއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 01 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އުޖޫރަ (މުސާރަ) އިން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.
ޢާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު، 100،000 ރުފިޔާ ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން 5.5 އިންސައްތައެވެ. އަދި 100،000 ރުފިޔާއަށް ވުރެ ބޮޑު، 150،000 ރުފިޔާ ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް އިންސައްތައެވެ.
މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު ވަނީ އުވިގެން ގޮސްފައެވެ.