ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އިސްތިޢުފާއަށް ގޮވަމުންދާތީ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ރިޓަޔާޑް ބްރިގޭޑިޔާ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީ ނުރުހުންފާޅުކުރައްވައިފިއެވެ.
އިބްރާހިމް ދީދީ އެމްޑީޕީއަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވީ، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށްވާ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދުގެ އިސްތިޢުފާއަށް ގޮވާލައްވާފައިވަނިކޮށްނެވެ.
މިމަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ މިނިސްޓަރު އާތިފާއަށް ފާޑުވިދާޅުވެ، އިސްތިޢުފާއަށް ގޮވާލައްވާފައެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިޢުފާއަށް ގޮވާލައްވާފައެވެ.
ވަޒީރުންގެ އިސްތިޢުފާއަށް ގޮވާލައްވާ ބޮންޑާ ވިދާޅުވީ ރައީސް ޞާލިޙު އަންގަވާ ކަންކަން ވެސް ނުކުރައްވާ ކަމަށާއި، އެ ކަންކަން ކުރައްވައިފިނަމަ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ ތާޢީދާއި، ލޯބި އިތުރުވާނެތީ، ސިޔާސީ ބޭނުމަކަށް ސަރުކާރުގައި ތިއްބެވި، ކޯލިޝަން ޕާޓީތަކުން ސަރުކާރުގެ މަސައްކަތްތައް "ސްލޯވ" ކުރަމުން ގެންދަވާ ކަމަށެވެ.
މިފާޑުކިޔުންތަކަށް ރައްދުދެއްވާ ޑީޑީ ވިދާޅުވީ މިސަރުކާރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މިއީ އެމްޑީޕީ ބައެއް މެންބަރުން ރައީސް ރައީސް ޞާލިޙުގެ ވެރިކަމަށް ފާޅުގައި ކުރައްވާ ޖެއްސުމެއް ކަމަށެވެ. އެއްވެސް ޤައުމެއްގައި އަމިއްލަ ގޯލަށް ޙަމަލާ ނުދޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންނަށް އަލިއަޅުއްވާލައްވާ ޑީޑީ ވިދާޅުވީ، އެމްޑީޕީއަށް ނިޞްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤައުމަށް ހެޔޮ އެދިގެންނާއި، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ )ގެ މަސައްކަތްތައް ރަނގަޅުކުރައްވާ، ރައްޔިތުންނަށް އިޚުލާޞްތެރި ޚިދުމަތެއް ކޮށްދެއްވުން މާބުއްދިވެރި ކަމަށެވެ.