ނިމިގެންދިޔަ އަހަރު ދިވެހި ސަރުކާރުން ހޮންގ ކޮންގ އާއި އެކު ފެށި މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަން ތައްޔާރުވެއްޖެއެވެ.
މި މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިގެން ދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ން 30 ށް ކުރިއަށްގެންގޮސްފައި ވާއިރު، އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްވަރާތަކުގެ ދެވަނަ ބުރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މާޗް މަހުގެ 27 ން 30 އަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ވިޔަފާރިވެރިންނާއި، ރާއްޖެއިން މަހުގެ ބަވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާއި އެކު މިނިސްޓްރީން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި، ހޮންގ ކޮންގ އާއެކު ވިޔަފާރި ކުރުމުގައި މިހާރު ދިމާވާ ދަތިތަކާއި ބެހޭ މަޢުލޫމާތު ހޯދައި، ދިވެހި ވިޔަފާރިވެރިން ބޭނުންވާ ކަންކަން އޮޅުން ފިލުވައި، ރާއްޖެއިން ހުށަހަޅަން ޖެހޭ ކަންކަމާއި ބެހޭގޮތުން ވިޔަފާރިވެރިންނާއި މަޝްވަރާ ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ބުނީ، ހޮންގ ކޮންގ އަކީ މިހާރުވެސް، ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އިޤުތިޞާދަކަށް ވެފައި، ޚިދުމަތުގެ ދާއިރާގައި ހޮންގ ކޮންގ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާތީއާއި، އެ ޤައުމަކީ، ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ފުންނާބު އުސް، ބޭންކްތައް ހަރަކާތްތެރިވާ އެއްތަން ކަމަށްވާތީ، އެ ޤައުމާއި އެކު ކުރެވޭ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގައި ރާއްޖެއަށް ޚިދުމަތުގެ އެކި ދާއިރާތަކުންނާއި، ޚާއްސަކޮށް، ބޭންކިންގ އަދި ފައިނޭންސިންގ ގެ ދާއިރާއިން އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހޮންގ ކޮންގ އާއި އެކު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރު ފެށުމަށް ހަމަޖެހިފައިވާއިރު، ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ކުރިއަށްގެންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައްވެސް ވަނި ނިމުމަކާއި ހަމައަށް ގޮސްފައެވެ.