ނ. ލަންދޫ ސިއްހީ މަރުކަޒުގެ ލެބޯރޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންނެވެ.
އެރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ހޯދަމުން އައީ ނ. އަތޮޅު ހޮސްޕިޓަލުންނެވެ. އެހެންކަމުން، ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފު ކުރުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި ޚިދުމަތާ ބެހޭ ގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ލަންދޫގައި އަލަށް ފެށިގެންދާ މިޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތައް ލިބި، ސިއްހީ ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ ލަންދޫ އަކީ ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ 4 ކުދިން ދިރިއުޅޭ ރަށެކެވެ. ވުމާއެކު ރަށުގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމަކީ މިކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.
މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މާޅެންދޫގައި ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ 3 ކުދިން އަދި މާފާރުގައި މިބައްޔަށް ގަވައިދުން ފަރުވާ ހޯދަމުންދާ 4 ކުދިން ދިރިއުޅެއެވެ. ވުމާއެކު ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށިގެން ދިއުމާއެކު މީގެކުރިން މިކުދިން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެ ކަމަށެވެ.
ނ އަތޮޅުގައި މިހާރު ލެބޯރޓްރީގެ ޚިދުމަތް ލިބޭ ރަށްރަށަކީ ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ) އަދި ވެލިދޫ ސިއްހީ މަރުކަޒު، ކެނދިކުޅުދޫ ސިއްހީ މަރުކަޒު ، ހޮޅުދޫ ސިއްހީ މަރުކަޒުންނެވެ.