މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ޖަލުގައި ހުންނަވަނީ ސީޔާސީ ލީޑަރުންގެ ގޮތުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރާއްޖެއަށް މައުނަވީ ތަރައްގީއެއް ގެންނާނީ އެމްޑީޕީ ކަމަށެވެ. އެއީ ރައްޔިތުންނަށް މިނިވަން ކަންދީގެން ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ދީގެން ކަމަށެވެ. އަދި އެއްވެ އުޅުމުގެ ޖާގަދީގެން، ސިޔާސީ ލީޑަރުން ހައްޔަރުނުކޮށް ކަމަށެވެ.
ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ޖަލުގައި ހުންނަވަނީ ސީޔާސީ ލީޑަރުންގެ ގޮތުގައި ނޫންކަމަށެވެ. އެބޭފުޅުން ޖަލުގައި މިއަދު ހުންނެވީ އަމިއްލައަށް ހިންގަވާފައިވާ ވައްކަމުގެ ސަބަބުން ކަމަށެވެ.
އަބްދުﷲ ޔާމީންގެ ޝަރީއަތަކީ ރާއްޖޭގައި އަލަށް ހުޅުވާލެވިގެން ޓީވީތަކުގައި ލައިވް ކުރެވިގެން ދިޔަ ޝަރީއަތެއް. ހަމައެކަނި އެބޭފުޅާގެ މައްޗަށް ސާބިތުވާނެ ކަންނޭނގެ އެބޭފުޅާ ހައްދަވާފަ އޮތް މާލީ ބަޔާނާއި ބަޔާނާ ހިލާފަށް ކޯޓުގައި ދެއްކެވި ވާހަކަ. އެހެންވީމަ ސިޔާސީ ސަބަބަކަށްޓަކައި ނޫން އަބްދުﷲ ޔާމީން ޖަލަށް ލެވިފައި އެހުރީއެއް. އެއީ އެބޭފުޅާ ހިންގަވާފައިވާ ވައްކަމުގެ އަމަލުތަކާ ހުރެއުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު
ވަހީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް މަޖިލީހުގައި ބޭނުން އެއްޗެއް ވިދާޅުވުމުގެ މިނިވަންކަން އޮންނަ ކަމަށެވެ. ރިޔާސީ ބަޔާނަށް އިދިކޮޅުން ދެއްވި ޖަވާބުގައި އަބްދުﷲ ޔާމީން ހައްޔަރުކުރުން އެއީ ރާއްޖެ ޑިމޮކްރެސީއަށް ފަހަތަށް އެޅުއްވި ފިޔަވަޅެއް ކަމަށް ވިދާޅުވިއިރު، ޔާމީންގެ ސަރުކާރުގައި ކިތައްފިޔަވަޅު ފަހަތަށް އެޅުއްވިތޯ ވިދާޅުވެ ވަހީދު ސުވާލު އުފެއްދަވާފައެވެ. އެގޮތުން އެއްވެސް ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދީ، މިނިވަން ނޫސްވެރިކަން ހުއްޓުވާ ރާއްޖެޓީވީ ނައްތާލުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި އެޅުއްވި ފިޔަވަޅުތައް ވަހީދު ފާހަގަކުރެއްވިއެވެ.