ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 07:29
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ސްޓެލްކޯ
ސްޓެލްކޯ
ޖޫރިމަނާ ކުރުމަކީ މިނިސްޓްރީއާއި އީޕީއޭގެ އިން ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް: ސްޓެލްކޯ
ޖޫރިމަނާކުރީ މިމަހުގެ 23 ގައި
ޖޫރިމަނާއަށް 5000 ރުފިޔާ ދައްކަން ޖެހޭ

ކ. ހިންމަފުށްޓާއި ކ. ތުލުސްދޫ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސްތަކުގެ ދަށުން ކޮންމެހެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ބުނެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ޖޫރިމަނާ ކުރުމަކީ އެންވަޔަރަމެންޓް މިނިސްޓްރީއާއި އީޕީއޭގެ އިން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މާލެ އަތޮޅު ހިންމަފުށްޓާއި ތުލުސްދޫ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސްތަކުގެ ދަށުން ކޮންމެހެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ބަޔާންކޮށް އީޕީއޭއިން އެކުންފުނި 5000 ރުފިޔާއިން ޖޫރިމަނާކޮށް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނާއި ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނުގައި ބުނީ ހިންމަފުށްޓާއި، ތުލުސްދޫގެ ނަރުދަމާއާއި ހަވާލުވުމުގައި އެ ކުންފުނީގެ އެއްވެސް އިއުތިރާޒެއް އޮތްނަމަ އެކަން އެންގުމަށް އެންގި މުއްދަތުގެ ތެރޭގައި އެކުންފުނިން އެ މަސައްކަތަކީ ފުރިހަމަކޮށްފައިވާ މަސައްކަތަކަށް ނުވާތީ އެކަމުގައި އެކުންފުންޏަށް ހުރި ދަތިތައް ބަޔާންކޮށް ރަސްމީގޮތެއްގައި ހުށަހަޅާފައި ކަމަށެވެ. އަދި ސްޓެލްކޯއިން ލައިސަންސްއަށް އެދިފައިވާނީ އެކަންކަން ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން އެންވަޔަރަންމަންޓް މިނިސްޓްރީއިން ދިނުމުން ކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ކޮށްނުދެވި ދިގުލައިގެން ގޮސް، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، އެންމެ ފަހުން އެކަންތައް ކޮށްދިނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާއިން ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ބުނީ ޕްލޭނިންގ މިނިސްޓްރީން ހިންމަފުށްޓާއި ތުލުސްދޫގެ ނަރުދަމާގެ ކަންކަން އެކުންފުންޏާއި ހަވާލު ކުރިތާ ދެ ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ރަސްމީކޮށް އެ ޒިންމާއާއި ހަވާލުވެފައި ކަމަށެވެ.

މީގެ އިތުރުން، އީޕީއޭއިން ސްޓެލްކޯ ޖޫރިމަނާކޮށް ބަޔާން ނެރުނުއިރު، އެ ކުންފުނިން ވަނީ އެ ދެ ރަށުގެ ނަރުދަމާއާއި ރަސްމީކޮށް ހަވާލުވެފައި ކަމަށެވެ. އެހެންކަމުން ހިންމަފުށްޓާއި، ތުލުސްދޫގެ ނަރުދަމާ ނިޒާމާއި ސްޓެލްކޯއިން ހަވާލުވީ ދުވަހު، އީޕީއޭއިން ނޫސް ބަޔާނެއް ނެރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަންކަންކޮށްނުދެއްވި ލަސްވުމަކީ ސްޓެލްކޯ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނި ޖޫރިމަނާކުރީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އިހުމާލު އޮތް ކަމެއްގައި، އެމިނިސްޓްރީގެ ބެލުމުގެދަށުގައިވާ އީޕީއޭއިން ބަލަންޖެހޭ ވަރަށް ނުބަލާ، ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ރައްޔިތުންގެ މެދުގައި އެކުންފުންޏާއިމެދު އޮތް ރަނގަޅު ތަސައްވަރު ކިލަނބުވާފަދަ ގޮތަކަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެކަމުގައި އެއްވެސް ވަރަކަށް އެކުންފުނިން ފަސްނުޖެހޭނެ ކަމަށާއި، އެ ދެރަށުގެ އިތުރުންވެސް އެހެނިހެން ރަށްރަށުގެ ނަރުދަމާ ނިޒާމާއި އެ ކުންފުނިން ހަވާލުވުމުގެ ކަންކަން އެންވަޔަރަންމަންޓް މިނިސްޓްރީ އިން ނުވަތަ ކަމާބެހޭ މިނިސްޓްރީއަކުން ނިންމާ، ސްޓެލްކޯއާއި ހަވާލުކުރުމުން ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ނަރުދަމާއާއި އެކުންފުނިން ހަވާލުވާ ކަމަށެވެ.

- ކޮމެންޓް