ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 12:57
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
މިނިސްޓަރ ޝާހިދު
ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަންނަވައިފި
ޖެނީވާއަށް ފުރާވަޑައިގެންނެވީ 24 ފެބުރުއަރީގައި
އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ ޝާހިދު މި ދަތުރުފުޅުގައި ބައްދަލުކުރެއްވިި

އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޖެނިވާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައި ކޮމިޝަނަރ މިޝޭލް ބެޝެލޭއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އެކަމަނާއާ ހިއްސާ ކުރައްވާފައެވެ. އަދި އެ މަސައްކަތުގައި ހައިކޮމިޝަނަރާއި ހައިކޮމިޝަނަރުގެ އޮފީހުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ކުރިއެރުވުމުގައި ރާއްޖޭގެ ދެމި އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް އެރުވިއެެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރުގެ އިތުރުން ވެސް އެހެން ބައެއް ބޭފުޅުންނާއި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ބެރީ ފޯރއާއި، ޖޯޖިއާގެ ފޮރިން މިނިސްޓަރު ޑޭވިޑް ޒަލްކަލިއާނީ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މޮރޮކޯގެ މިނިސްޓަރ އޮފް ސްޓޭޓް އިން-ޗާޖް އޮފް ހިއުމަން ރައިޓްސް މުސްޠަފާ ރާމިދުއާއި ބައްދަލުކުރައްވައި، އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ދެޤައުމުގެ މެދުގައި ކުރެވެމުންދާ ފަންނީ އެއްބާރުލުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންގާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަންނާނެކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އިޢުލާން ކުރައްވާފައެވެ.

- ކޮމެންޓް