ހުޅުމާލޭގައި ހަދަމުންދާ ގައުމީ ފުޓްބޯޅަ އެކަޑަމީ ހުޅުވުން އަނެއްކާވެސް ލަސްވެއްޖެ އެވެ.
ސަރުކާރުން ޚަރަދުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ގައުމީ ފުޓްބޯޅަ އެކަޑަމީ ހެދުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސާފައިވާއިރު، މި މަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ. އެކަޑަމީގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ފެށިއިރު، އޭރު އެފްއޭއެމުން ބުނެފައިވަނީ ތިން މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އޭގެ ފަހުން މިމަހުގެ ތެރޭގައި އެކަޑަމީ ހުޅުވާނެ ކަމަށް މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ނަމަވެސް، ދާދި ފަހުން ބައްސާމް ވަނީ އެކަޑަމީ ހުޅުވުން އަނެއްކާވެސް ލަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ބައްސާމް ވިދާޅުވީ އެކަޑަމީ ހުޅުވުން ލަސްވީ ސަރުކާރުގެ ތެރޭގައި މަޝްވަރާކުރަންޖެހޭ ބައެއް ކަންތައްތައް ހުރުމުން ކަމަށާއި، ނަމަވެސް މިއަހަރުގެ ތެރޭގައި އެކަޑަމީ ހުޅުވާނެ ކަމަށެވެ. މީގެ ކުރިންވެސް ހުޅުމާލެއިން އެފްއޭއެމަށް ލިބުނު ބިމުގެ ދަތިކަމުގެ ސަބަބުން މަސައްކަތް ވަނީ ލަސްވެފައެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ އެކަޑަމީ ހުޅުވާއިރު، ހިމެނޭނީ އެކޮމެޑޭޝަން ބުލޮކަކާއި ޓާފު ދަނޑެއްގެ އިތުރުން އޮފީހެއް ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެފްއޭއެމް އިން މީގެ ކުރިން ބުނެފައިވަނީ ފުޓްބޯޅަ އެކަޑަމީ ހެދުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު އެކަޑަމީއަކާއި ގުޅިގެން ކަމަށެވެ. އަދި އެކަޑަމީ ކުރިއަށްދާނީ ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.
މި އެކަޑަމީއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުން އަތޮޅު ތެރެއަށް ގޮސްގެން ކަމަށާއި، އެކަޑަމީއަށް ފުރަތަމަ ނަގާނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުދިން ނަގާއިރު ބޮޑަށް ބަލާނީ ފުޓްބޯޅައަށް މަޝްހޫރު ރަށްތަކަށް ކަމަށާއި، އެކަޑަމީއަށް ހޮވޭ ކުދިން އެކަޑަމީގައި ދިރިއުޅޭ ގޮތަށް ބަދަލުކޮށް މާލޭގެ ސްކޫލްތަކުން އެ ކުދިންގެ ކިޔެވުން ހަމަޖައްސައިދޭނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.