ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 12:36
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ސޯޝަލް މީޑިއާ
ރައްޔިތުންގެ މަޖިލިސް
އެމްޓީސީސީއާ ވާހަކަދައްކައިގެން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ނިންމޭތޯ މިދަނީ މަސައްކަތްކުރަމުން: މިނިސްޓަރ
އެމަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު
އެމްޓީސީސީ އާ ހަވާލުކުރީ މިއަހަރުގެ ފުރަތަމަ މަސް ނިމުމުގެ ކުރިން މަސައްކަތް ނިންމަން

ގދ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ނުނިމި ލަސްވާތީ އެކަން އަވަސްކުރުމަށް އެމްޓީސީސީއާ ވާހަކަދައްކައިގެން އެކަން ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިސަރުކާރުން ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ނިންމާފައެވެ. އަދި އެކަން އިއުލާންކޮށް މިދިޔަ އަހަރުގެ ކުރީކޮޅު އާ އިމާރާތް އެޅުމަށް ބީއޯކިޔު ހެދުމާއި، އިމާރާތް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މިތަން ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމަށް އެކަމާގުޅޭ މަސައްކަތްތައް ކުރިޔަށްނުދާތީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލްމުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އޭގެފަހުން އެމްޓީސީސީގެ މެނޭޖްމެންޓް ބަދަލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެމަސައްކަތް ހަވާލުކުރެވިފައިވާ މުއްދަތަށް ނުނިމި ފަހުން އެމްޓީސީސީގެ މެނޭޖްމެންޓަށް އައި ބަދަލާއެކީގައި އެމީހުންނާ ބައްދަލުކޮށް ޔަގީންކަން ދީފައިވަނީ އެބޭފުޅުން މިހާރު އެމަސައްކަތް ފަށައިގެން އަޅުގަނޑުމެންނަށް އެބޭފުޅުން ދެއްވާ ތާވަލަކާއެކީގައި ކުރިޔަށްދާނެކަމަށް. ދެން އެމްޓީސީސީ ގައި ދަންނަވާފައިވާނެ އެތާވަލް ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދޭށޭ އެމަސައްކަތް ނިމޭނެ ތާރީޚެއް. އެމަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ މިއަހަރުގެ ފުރަތަމަ މަސް ނިމުމުގެ ކުރިން ނިންމަން. އެހެންނަމަވެސް ފުރަތަމަ މަސް ނިމުމުގެ ކުރިން އެމަސައްކަތް ކުރިޔަށް ނުދާތީ އެމްޓީސީސީ އާ ވާހަކަ ދައްކައިގެން އެބޭފުޅުންނަށް އެމަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުގެންދެވޭ ކަމަށްވާނަމަ އެހެން ގޮތަކަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި މަސައްކަތްކުރާނަން.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ މަޝްރޫޢެއް ހަވާލުކުރާ ބަޔަކު އެމަސައްކަތް ނުކުރާނަމަ އެހެން ބަޔަކަށް އެމަސައްކަތް ހަވާލުކުރުން އެއީ ވަރަށް ބޮޑަށް މުއްދަތު އިތުރުވެގެންދާ ކަމެއްކަމަށެވެ. އެހެންކަމުން އެހުރިހާ ކަމަކަށް ވިސްނާ އެމްޓީސީސީ އާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް މަސައްކަތް ނިންމޭތޯކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑު ކުރުމަށް ޖާގަ ނެތުމުން 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ އެހެން ބިމެއްގައި ކަމަށް ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

- ކޮމެންޓް