ދިވެހި މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ "ހަމަ އަގު" އެއީ ކޮބައިކަން ނޭނގޭ ކަމަށާއި ކޮންމެ ދުވަހަކު ވެސް އަގު ކަނޑައަޅަނީ އެދުވަހަކު މާރކެޓް އަގަށް ބަލާފަ ކަމަށް އެންސިސް ފިޝަރީޒް އިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިންނަށްވެފައިވާ ވަޢުދުގެ ތެރެއިން ބާނާ މަހަށް "ހަމައަގު" ލިބިގެންދާނެކަމަށް ވެފައިވާ ވަޢުދު ފުއްދިފައި ނުވާކަމަށް ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަމާއި ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވުމަށް އަންގާރަ ދުވަހު ބޭއްވި އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމުގައި އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަސީމް އިސްމާއީލް ވިދާޅުވީ، މަސްވެރިންނަށް އަގެއް ކަނޑައެޅުމަށްފަހު، މަސް ކިރަން އައުމުން އަގު ބަދަލު ކުރަމުންދާ ވާހަކައަކީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ.
ވަސީމް ވިދާޅުވީ، އެއްދުވަހު މަސް އޮޑިއަކަށް އަގެއް ބުނެފަ، އެދުވަހު މަސް ކިރަން އައިސްފިނަމަ އެ އަގުގައި މަސް ކިރޭނެ ކަމަށާއި ނަމަވެސް އަގެއް ދީފައި ވަނިކޮށް، އޭގެ އަނެއް ދުވަހު މަސް ކިރަން އައިސްފިނަމަ މަހުގެ އަގު ބަދަލު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ވަސީމް ވިދާޅުވީ، ރޯ މަސް އެކްސްޕޯޓު ކުރަން އެމްއޭސީއެލަށް ދައްކަން ޖެހޭ ފީތައް މިހާރަށްވުރެ ކުޑަކުރެވިއްޖެ ނަމަ، މަސްވެރިންގެ އަތުން އަގު ބޮޑުކޮށް، މަސް ގަނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއޭސީއެލުން މިހާރު ނަގާ ފީތަކަކީ ކުޑަ ކުރެވިދާނެ ފީތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ނަމަވެސް އެމްއޭސީއެލުން ފީތަށް ކުޑަކުރުމަށް ދެކޮޅުކަން ހާމަކުރައްވާ އެކުންފުނިން ބުނީ، އެމްއޭސީއެލުން އަގުތައް ކަނޑައެޅުމުގައި އެކަމަށް ބޭނުންކުރާ މުވައްޒަފުންނާއި މެޝިނަރީތަކަށް ދާ ހަރަދުތަކަށް ބަލާފައި ކަމަށެވެ. އެގޮތުން މަސް އެކްސްޕޯޓު ކުރުމުގައި އެކި ދުވަސް ދުވަހު އެކިވަރަށް އެކްސްޕޯޓް ކުރަމުންދާއިރު، ބައެއް ދުވަސް ދުވަހު 25 ޓަނުގެ މަސް އެކްސްޕޯޓް ކުރަމުންދާ ކަމަށާއި ބައެއް ދުވަސް ދުވަހު 125 ޓަނުގެ މަސް އެކްސްޕޯޓް ކުރަން ޖެހުމަކީ މީހުންގެ މުސާރައާއި އިތުރު ހަރަދުތަކަށް ބަލާއިރު ބޮޑު އެއްޗެއް ހަރަދުވާ ކަމެއް ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު އެންސިސްއިން ކަންނެލި ކިލޯއެއް އެވްރެޖްކޮށް ގަތް އަގުތަކަށް ބަލާއިރު، 2015 ވަނަ އަހަރު 75ރ އަށް ކިލޯއެއް ގަނެފައިވާއިރު، 2016 ވަނަ އަހަރު ކިލޯއެއް ގަނެފައިވަނީ 73ރ އަށެވެ. އަދި 2017 ވަނަ އަހަރު 69ރ އަށް ކިލޯއެއް އަދި 2018 ވަނަ އަހަރު 66ރ އަށް ކިލޯއެއް ގަނެފައިވާއިރު މިދިއަ 2019 ވަނަ އަހަރު ކަންނެލި ކިލޯއެއް ގަނެފައިވަނީ 60ރ އަށެވެ.
ކޮމެޓީން ވަނީ ސަރުކާރުން އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަމާބެހޭ ސަރުކާރުގެ ކުންފުނިތަކުން، ކަންނެލި އެކްޕޯޓްކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދީފިނަމަ، "މަހުގެ ހަމަ އަގު" ނުވަތަ އެކަށީގެންވާ އަގެއްގައި ކަންނެލި ކިލޯއެއް ގަނެވިދާނެ އަގުތަކާއި، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގެންނަން ފެންނަ ބަދަލުތައް ވެސް ހިމެނޭގޮތަށް ލިޔުމެއް ތައްޔާރުކޮށް ކޮމެޓީއަށް ހިއްސާ ކޮށްދެއްވުމަށް އެންސިސް ކުންފުނީގައި އެދިފައެވެ.
އެންސިސްއަކީ ރައްޖޭގައި ބޮޑުކަންނެލި އެކްސްޕޯޓްކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ.
ރާއްޖޭގެ މަސްވެރިންގެ ޝަކުވާތަކަށް އެކަށީގެންވާ ހައްލުތަކެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ކޮށްދެވިފައި ނުވާއިރު، މަސްވެރިންނަށް ދިމާވެފައިވާ މަހުގެ "ހަމަ އަގު" ހޯދުމަށް މަސްވެރިން ކުރަމުންދާ ޝަކުވާތަކާއި އަދި ވެސް މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފަ އެވެ.