ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން، ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާތީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ބަލައިގެންފައިވާ ކަމަށް "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
މިމައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018 ވަނަ އަހަރުގެ 387 ވަނަ ނަންބަރުގެ ޤަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެވޤަޟިއްޔާގެ އެބައި (ޤާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި މައްސަލަަ އެކެވެ.
މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، އިޖުރާތު ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ޤާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ޤާނޫނު އެކުގައި ކިޔާއިރު ސިއްރު ހެކިބަހުގެ އުޞޫލު ރަނގަޅުކަމަށް ނުފެންނާތީ ޙުކުމުގެ އެބަޔާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކަމަށެވެ.
ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ސުޕްރިމް ކޯޓަށް ހުށަހަޅަން ނިންމާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖަލަށް ލެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވެ ކުރި ޙުކުމް، ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެންނެވެ.
މިދިއަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ހައިކޯޓުން ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް، ފޯނު ނުދިން ކަމަށް ބުނާ މައްސަލައިގައި، ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ޙުކުމް ބާޠިލު ކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގަންނަވާފަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކުރިތާ ދުވަސްތަކެއް ވެފައިވާއިރު، ހައިކޯޓުން އެ މައްސަލަ ނިންމާ، ކުރި ޙުކުމްގައި ކަނޑައެޅީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށެވެ.
ޤާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދަޢުވާއަކާއި، ރަސްމީ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދަޢުވާގެ އިތުރުން ތަޙުޤީޤަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދަޢުވާއާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ޔާމީނުގެ ވެރިކަމުގައި ވަނީ ގިނަ ދަޢުވާތަކެއް އުފުލާފައެވެ.