Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 23:16
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
މިއީ ފާއިތުވި 18 އަހަރުގެ ތެރޭ މަޖިލިސް މެންބަރެއްގެ މައްސަލަ އައިޕީޔޫ ކޮމިޓީގައި ނެތް ފުރަތަމަ އަހަރު: މިނިސްޓަރ
މިއީ އެފަދަ މައްސަލައެއް 2002 ވަނަ އަހަރުން ފެށިގެން ނެތިދާ ފުރަތަމަ އަހަރު
އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ކިޔާދެއްވި
އެންމެ ފަހުން ބަލާފައިވާ މައްސަލައަކީ މަޖިލިސް ސަލާމަތީ ބާރުތަކުގެ ބާރުގެ ދަށަށް ގެނަ މައްސަލަ

މިއަހަރަކީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި މަޖިލިސް މެންބަރެއްގެ މައްސަލަ އައިޕީޔޫގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީގައި ނެތް ފުރަތަމަ އަހަރުކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ރާއްޖޭގެ މަޖިލިސް މެންބަރެއްގެ ހައްގުތައް ގެއްލުނު މައްސަލައެއް އައި.ޕީ.ޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްގައި 2002 ވަނަ އަހަރުން ފެށިގެން ނެތި ދާ ފުރަތަމަ ފަހަރުކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ މިހާރުގެ ޙާލަތާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުން އަލިއަޅުވާލައްވާފައެވެ.

Advertisement

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޓީގައި މަޖިލިސް މެންބަރެއްގެ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލައެއް މިވަގުތު ނެތްކަން އަންގަވައި، އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން މަޖިލިސް ރައީސަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އައި.ޕީ.ޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްއަކީ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ހައްޤުތައް ހިމާޔަތްކޮށް، ބަރުލަމާނީ ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ އައިޕީޔޫގެ ކޮމިޓީއެވެ. އެގޮތުން މި ކޮމިޓީއިން ރާއްޖޭގެ މައްސަލައެއްގައި އެންމެފަހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ސަލާމަތީ ބާރުތަކުގެ ބާރުގެ ދަށަށް ގެނެސް މަޖިލީހުގެ ބައެއް މެންބަރުންނަށް މަޖިލިސް އިދާރާއަށް ވަނުމަށް ހުރަސްއެޅި މައްސަލައިގައެވެ.

އޭގެ އިތުރުން، މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ކަނޑައެޅިގެން ދިއުމާއި، ޤާނޫނީ ވަކީލުންނަށް ބޭނުންވާ މިނިވަންކަން ހޯދައިދިނުމާއި، ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ވަޒަންކޮށް، ޖަލުތަކަކީ މަންޑޭލާ ރޫލްސް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ތަންތަނަށް ހެދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް