އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.
2023 އިން 2025 އަށް ކުރިއަށްދާނެ ކައުންސިލް ދައުރުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ޝާހިދުވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވައި، މެމްބަރު ގައުމުގެ އަޑު އުފުލައިދޭނެކަމުގެ ޔަގީންކަން ގައުމުތަކަށް އަރުވާފައެވެ.
2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ރާއްޖެއިން ފުރިހަމަކޮށްފައިވެއެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާ ބެހޭ ހުރި ގުޅުން ބައިނަލްއަގްވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އުފެދިގެން ދިޔައެވެ.
ރާއްޖޭގެ މެމްބަރޝިޕް އިއުލާންކުރެއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި، މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖް ޑރ އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.