ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިތުގެ ބައިޕާސް އޮޕަރޭޝަނަށް ފަހު ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ޢާއިލާއިން ބުނެފިއެވެ.
ޑރ. މުނައްވަރު އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށް ބުނެ، ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން، މުނައްވަރުގެ ދަރިފުޅު ރާއި މުނައްވަރު އާ ޙަވާލާދެއްދެއްވާ އައްޑޫ ލައިވްގައި ބުނެފައިވަނީ މުނައްވަރުގެ ބައިޕާސް އޮޕރޭޝަނަށް ފަހު ޙާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މުނައްވަރުގެ ދަރިފުޅު ރާއި ވިދާޅުވެފައި ވަނީ، މުނައްވަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސްރީލަންކާގެ ހޮސްޕިޓަލެއްގައިކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ހިތުގެ މައްސަލައެއް ހުރުމުން އެންޖިއޮގްރާމް ހެދުމަށްފަހު، ބައިޕާސް އޮޕަރޭޝަނެއް ކުރުމަށް ނިންމީ، މުނައްވަރު ބޭނުންވެލައްވައިގެން ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އޮޕަރޭޝަނަށްފަހު، ސްޓޭބަލް ވަންދެއް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި، މުނައްވަރުގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް ރާއި ވިދާޅުވެފައި ވެއެވެ.
ޑރ. މުނައްވަރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ވެރިކަމުގެ ބަންޑާރަ ނައިބުކަން ކުރެއްވި، ރާއްޖޭގެ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. އަދި ރައީސް މައުމޫންގެ އިޞްލާޙީ އެޖެންޑާގެ ދަށުން ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއެކު، ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އެވެ. އިޞްލާޙީ ޙަރަކާތުގައި އިސްދައުރެއް އަދާކުރެއްވި މުނައްވަރު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" (އެމްއާރުއެމް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ.
މީގެއިތުރުން، ރައީސް މައުމޫންގެ ވެރިކަމުގައި 2004 ވަނަ އަހަރުގެ އޮގަސްޓް 12،13ގައި ހިންގި ސިޔާސީ ޙަރާކާތްތަކުގެ ތެރެއިން މުނައްވަރާއެކު އޭރު އިޞްލާޙީ ޙަރަކާތުގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުންތަކެއް ހައްޔަރުކޮށް ޖަލަށްލި އެވެ. އަދި ބައެއް ބޭފުޅުންގެ މައްޗަށް، ދައުލަތާއި އިދިކޮޅު ޙަރަކާތް ހިންގި ކަމަށްބުނެ ދަޢުވާ ވެސް އުފުލި އެވެ.