އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީން) ބުނެފިއެވެ.
އީސީން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހޯމަ ދުވަހު 18:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ސުންގަޑި އިތުރުކުރީ ވީހާ ވެސް ގިނަ ބަޔަކަށް ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ކަމަށް އީސީން މަޢުލޫމާތުދެއެވެ. ނަމަވެސް މީގެ ކުރިން އޮތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހުގެ 15:00 ހަމައަށް ސުންގަޑި ހަމަވާ ގޮތަށެވެ.
ލާމަރުކަޒީ ޤާނޫނުގައިވާގޮތުން ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާއި އެކުގައި، އެސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްްކަތް ކުރުމަށްޓަކައި އެރަށެއްގެ ނުވަތަ އެ ސީޓީއެއްގެ އަންހެނުންގެ ތެރެއިން އެރަށެއްގެ ރައްޔިތުންގެ އިންތިޚާބުކުރާ އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަންވާނެ އެވެ.
ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހަމަވެފައިވާއިރު، 3،000 އެއްހާ ފޯމު އީސީއަށް ހުށަހެޅިފައިވާ ކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެންބަރުން އިންތިޚާބު ކުރާނެކަމަށް އީސީން ވަނީ ބުނެފައެވެ. މިއީ އިލެކްޝަންސް ކޮމިޝަނުގެ ދަށުން ބާއްވާ އިންތިޚާބެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް ހޮވާ ފުރަތަމަ ފަހަރެވެ.
ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމަށް ފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީ ކުރިއަރުވާ ކޮމިޓީގެ އިންތިޚާބު ބާއްވަން އީސީން ކަނޑައަޅާފައިވާ ތާރީޚަކި އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ.