ބޮޑެތި މަރުތަކުގެ މުހިންމު މައުލޫމާތްތައް ހުރީ ކަމާބެހޭ މުއައްސަސާތަކުން ނުނަގައިކަމަށާއި އެ ރެކޯޑްތައް މިހާދުވަސް ފަހުން ލިބެން ނެތްކަމަށް ފާހަގަކޮށް، އެއީ ކޮމިޝަނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ލަސްކަމަށާއި އާއިލާތަކަށް އިންސާފު ނުލިބި ގިނަ ދުވަސްވުމާއި ގުޅިގެން އާންމުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވީ މަސައްކަތް ބޭނުންވާ ސްޕީޑްގައި ކުރިޔަށް ނުގެންދެވޭކަމަށެވެ. ސަބަބެއްގެ ގޮތުގައި ފަރީޝާ ވިދާޅުވީ ކުރަންހުރި މަސައްކަތުގެ ސަބަބުންނާއި މައުލޫމާތު ހޯދުމުގައި ދަތިތަކެއް އުޅޭތީކަމަށެވެ.
ފަރީޝާ ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ފެށި ތަހުގީގުން މީގެ އަހަރުތަކެއް ކުރިން ކަމާއިބެހޭ އިދާރާތަކަށް ނުހޯދިފައިވާ އެތައް މައުލޫމާތެއް ހޯދައި ރައްޔިތުންނަށް އެ މައުލޫމާތު ހާމަކޮށްފައިވާނެކަމަށެވެ. ބޮޑެތި މަރުތަކުގެ މައްސަލަތަކަށް އަލިއަޅުއްވައި ފަރީޝާ ވަނީ، ބައެއް މައްސަލަތަކުގައި ހޯދަންޖެހޭ މައުލޫމާތު ނުހޯދައި މުއައްސަސާތަކުން ހުރިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ތަހުގީގު ފުރިހަމަ ކުރުމަށް ކަނޑައެޅިގެން ބޭނުންވާ ފޯންކޯލް ރިކޯޑް ނުނަގައި ހުރި ކަން ފާހަގަކުރެއްވިއެވެ.
ފަރީޝާ ވަނީ ފޯންކޯލް ރިކޯޑިންގް އަކީ 6 މަސް ދުވަހަށް މުއާސަލަތީ ހިދުމަތުގައި ރެކޯޑްސްގައި ބަހައްޓާ އެއްޗެއްކަމަށް ވުމާއެކު އަހަރުތަކެއް ފަހުން އެ މައުލޫމާތު ލިބެން ނުހުންނަކަށް ފާހަގަކޮށްފަ އެވެ.
ފަރީޝާ ވިދާޅުވީ، ގާނޫނު ފާސްކުރުމާއެކު ކަމާބެހޭ ހުރިހާ މުއައްސަސާއަކުންވެސް އެއްބާރުލުން ލިބެމުންދާކަމަށާއި ނަމަވެސް ގާނޫނު ވުޖޫދައް އައުމުގެ ކުރިން މަސައްކަތައް އެއްބާރުލުން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ. ކޮމިޝަންގެ ތަހުގީގުތައް ފުރިހަމަކޮށް އެ މައުލޫމާތު ހާމަކުރެވޭނީ ކޮން ދުވަހަކުތޯ ރާއްޖެއެމްވީއިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފަރީޝާ ވަނީ މި އަހަރު ނިމުމުގެ ކުރިން ކޮމިޝަންގެ މަސައްކަތް ނިމޭނެކަމަށް ވިދާޅުވެފައެވެ.