Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 07:19
ޑރ މުހައްމަދު މުޢިއްޒު_ޕީޕީއެމް ޓިކެޓްގައި މާލޭގެ މޭޔަރ ކަމަށް ވަނީ ކުރިމަތިލައްވާފައި
ޑރ މުހައްމަދު މުޢިއްޒު_ޕީޕީއެމް ޓިކެޓްގައި މާލޭގެ މޭޔަރ ކަމަށް ވަނީ ކުރިމަތިލައްވާފައި
މުހައްމަދު ޝަރުހާން
ޑރ މުހައްމަދު މުޢިއްޒު
ފުލުސް އޮފީހަށް ހާޒިރުކުރީ މޭޔަރުކަމަށް ކުރިމަތިލައިގެން އުޅޭތީ ނުފޫޒު ފޯރުވުމަށް: މުއިއްޒު
ފުލުސް އޮފީހަށް ހާޒިރުކޮށް މުއިއްޒާ ފުލުހުން ސުވާލުކޮށްފައިވަނީ ނޫމަޑި މައްސަލާގައި
ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފައި

ހޮނިހިރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައިގެން މިކުރަން ފެށި މަސައްކަތަށް ކޮންމެސް ކަހަލަ ނުފޫޒެއް ފޯރުވުމުގެ ބޭނުމުގައި ކަމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅިތާ ދެދުވަސްވީ ތަނާއި ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން އެކަން މާނަކުރެއްވެނީ އެގޮތަށްކަމަށެވެ. ފުލުސް އޮފީހަށް ހާޒިރުކޮށް މުއިއްޒާ ފުލުހުން ސުވާލުކޮށްފައިވަނީ ނޫމަޑި މައްސަލާގަ އެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ. މި ފައިސާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުހަށް ފޮނުވާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުންނެވެ.

Advertisement

މުއިއްޒު ވިދާޅުވީ ނޫމަޑި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ކޮމިޓީގައިވެސް ސުވާލުތަކަށް ޖަވާބު ދީފައިވާނެ ކަމަށާއި އޭގެފަހުން މިކަމާއި ގުޅިގެން އޭޖީ އޮފީހުން ބަޔާނެއްވެސް ނެރިފައިވާކަމަށެވެ. އެހެންކަމުން މިހާރު އެތައް ދުވަހެއް ފަހުން އަނެއްކާ މިމައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިއީ ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން މިސަރުކާރުން ކުރަމުންދާ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނޫމަޑި މައްސަލަ ވާހަކަ ފުލުހުން އެހީ. ނޫމަޑި މައްސަލައިގެ އެކި ބައްތަކުގެ މައްޗަށް އަޅުގަނޑުގެ މައްޗަށް ދައުވާކުރައްވާ. އަދުލުއިންސަފު ގާއިމުކުރުމަށް ހުރަސް އެޅުން. މަޝްރޫޢުކުރިޔަށް ގެންދިޔުމަށް ހުރަސްއެޅުން ފަދަ ކަންކަން. ދެން އެކަންކަން އަޅުގަނޑުގެ ލޯޔަރުން ކުރިޔަށް ގެންދަވާނެ. މިއީ ސިޔާސީ ކަމެއް. މިބޭފުޅުން އައީ ޑިމޮކްރަސީގެ ހަމަތަކާއި އެކު ނަމަވެސް ކުރަމުން ގެންދަނީ ޑިކްޓޭޓަރޝިޕް ގޮތަށް. މިސަރުކާރު ކިބައިން ރައްޔިތުން ފެންނަން އެދުނު ކަންކަމެއް ނޫން މިފެންނަނީ.
ޑރ މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރި ނަމަވެސް ހުންނެވީ ސާބިތުކަމާއެކީގައި އިޚުލާސްތެރި ނިޔަތެއްގައި މާލޭގެ ރައްޔިތުން އުންމީދުކުރާ ފަދަ ބަދަލުތަކެއް ނެރެދިނުމަށް ކަމަށެވެ. އަދި މިމަސައްކަތުގައި ކުރިޔަށްދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު، އެމްޑީޕީން އެންމެ ބޮޑު ރައްދެއް ދީ، ބަހުގެ ހަމަލާތައް ދޭން ފަށާފައިވާ އެއްބޭފުޅަކީ މުޢިއްޒެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް