ކުރީގެ ސަރުކާރުން މަލޭގެ ހުޅަނގު އުތުރުފަރާތު ތައްޔާރުކުރި ރަސްފަންނުގެ ބައެއްގެ ގޮތުގައި ބޮޑުތަކުރުފާނު މަގުން ނެގި ތަން ހުސްކޮށް އަލުން ހުޅުވާ، ދުވާ ޓްރެކް ނަގަން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ޖަލްސާއެއް ބާއްވާ އެ މަގު ހުސްކޮށް ޢާންމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް ބުނެފައެވެ. އެ މަގު އަލުން ހުޅުވުމަށް ކުރަންޖެހޭ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ފަށާފައެވެ. މި މަގު ހުޅުވުމަށް ނިންމާފައިވަނީ މާލޭ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ފެށި މާލެ ސްކޭޕިންގެ ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ކުރަނީ މާފަންނު ވެސްޓް ޕަރކް ޞަރަޙައްދުގެ 8 މަގެއް ހެދުމުގެ މަސައްކަތަކެވެ.
މާލެ ވަށައިގެން ދުއްވޭނެ ގޮތް ހަދާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން ރަސްފަންނުގެ ބައެއްގެ ގޮތުގައި ވެލިއަޅައިން ބަންދުކުރި ޞަރަޙައްދު އަލުން ޓެރެފިކަށް ހުޅުވާލުމުގެ މަސައްކަތް ފަށާ އެތަނުން ނަގާނެ ގޮތުގެ ވެއްޔާމެދު ކަންކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.
މަގު ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އެމަގުން ވެލިނަގާ، 3 ދުވަސްތެރޭގައި އެއްކޮށް ސާފުކުރެވޭނެކަމަށް ސިޓީކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތުގެ ދަށުން ދުވާ ޓްރެކް ނެގުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަގު އެއްކޮށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.