Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 21:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ކުޑަކުދިންނަށް ކުރާ އަނިޔާ
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން އުފައްދަވައިފި
މިކޮމިޝަންގައި 05 މެމްބަރުން ތިއްބަވާނެ
މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމަށް އުފެއްދި ކޮމިޝަނެއް
މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރެވޭނެ

"ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކޮމިޝަން އުފައްދަވާފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަޤުޞަދުގައެވެ.

Advertisement

މިކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ޙާލަތު ދެނެގަތުމެވެ. އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ޙާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިޤްތިޞާދީ ޙާލަތާއި، އިޖުތިމާޢީ ޙާލަތާއި، ކުށްކުރާ ނުވަތަ އަނިޔާ ލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާ ލިބުނު ކުދިންގެ މިހާރު ޙާލަތާއި ބެހޭ މަޢުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަޤުޞަދު، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެހެނިހެން ޤަވާއިދުތަކުގެ ދަށުން ޖިނާޢީ ދަޢުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.

ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ:

  1. ޑޮކްޓަރ ޢާފިޔާ ޢަލީ (ވާރުގެ، ސ. ހުޅުދޫ)
  2. ޑޮކްޓަރ ޢަބްދުލް މަލިކް (މއ. ކޮށީގެ)
  3. އަލްއުސްތާޛު ޢަބްދުﷲ ރާބިޢު (ގަލްގާސްގެ، ކ. ދިއްފުށި)
  4. އަލްއުސްތާޛާ މާޒިޔާ ޢަބްދުއްސައްތާރު (ގ. ސާޔާ)
  5. މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީ (އޮސްޓްރޭލިއާ)

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަނުގެ ރައީސާގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ ޢާފިޔާ ޢަލީއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީއަކީ އިންސާނީ ޙައްޤުތަކާއި ޝަރުޢީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޮރ ނިއު ސައުތު ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމައަށް ފުރުއްވާފައިވާ ކައުދަރީ އަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއަރއެވެ. އަދި، އިންޓަރނޭޝަނަލް ބަރ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން، އޭނާއަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސްގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވާފައިވާ، އަދި މިހާރު އޮސްޓްރޭލިއާގެ ލޯވ ކައުންސިލުގެ އިންސާނީ ޙައްޤުތަކާއި ބެހޭ މުޝީރެވެ.

ރައީސް ޞާލިޙު ބުރާސްފަތި ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުޞީލީ ރިޕޯޓެއް ތައްޔާރުކޮށް، އެމަނިކުފާނަށް ހުށަހަޅާނެއެވެ.

ރައީސް ޞާލިޙު 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަޞްދީޤު ކުރައްވާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ބުރާސްފަތި ދުވަހު ވަނީ ޢަމަލުކުރާން ފަށާފައެވެ. މިޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާއިބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ.

އަދި، ކުޑަކުދިންނަށް އަޅާލުމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާޢީ ރައްކާތެރިކަމާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް