ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 19:06
ފޯވާޑް މާޓިން ބްރެއިތުވެއިޓް
ފޯވާޑް މާޓިން ބްރެއިތުވެއިޓް
ގެޓީ އިމޭޖަސް
ބާސެލޯނާ
ހާއްސަ ހުއްދައެއްގެ ދަށުން ބްރެއިތުވެއިޓް ބާސާއަށް
ބާސާއިން ވަނީ ބްރެއިތުވެއިޓް ގެނައުމަށް ލެގަނޭސްއަށް 18 މިލިއަން ޔޫރޯ ދައްކާފައި

ލެގަނޭސްއަށް ކުޅެމުން އައި ޑެންމާކުގެ ފޯވާޑް މާޓިން ބްރެއިތުވެއިޓް ބާސެލޯނާއަށް ބަދަލުވެއްޖެ އެވެ.

ފޯވާޑެއް ގަނައުމަށް ބާސާއަށް ހާއްސަ ހުއްދައެއް ލިބުނީ އެޓީމުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށް އަނިޔާވެ އޭނާ އަށް ސީޒަން ނިމުމުންނެވެ.

އުމުރުން 22 އަހަރުގެ ޑެމްބެލޭ ފަލަމަސްގަނޑަށް އަނިޔާވިއިރު ބާސެލޯނާގެ ފޯވަރޑް ލުއިސް ސުއަރޭޒް ވެސް ހުރީ އަނިޔާގައެވެ.

ސްޕެއިން ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން އަނިޔާގެ ސަބަބުން ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާ ކުޅުންތެރިއެއްގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ހޯދުމުގެ ހުއްދަ އަކަށް ކްލަބަކަށް އެދެވޭނެ އެވެ. އަދި ސްޕެއިނުގެ ފެޑެރޭޝަނުން މި ހުއްދަ ދޭނީ ސްޕެއިނުގެ ކޮންމެވެސް ކްލަބަކުން ފޯވަރޑެއް ގެނެވޭގޮތަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ވަނީ ލެގަނޭސްއަށް ބްރެއިތުވެއިޓްގެ ރިލީޒް ފީގެ ގޮތުގައި 18 މިލިއަން ޔޫރޯ ދައްކާފައެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ލެގަނޭސްއަށް 2018 ވަނަ އަހަރު ބަދަލުވި ބްރެއިތުވެއިޓް، އެޓީމުގެ އެއްބަސްވުން ދާއިމީ ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ ލެގަނޭސްއަށް ކުޅެދިން 48 މެޗުގައި 13 ލަނޑު ޖަހާފައެވެ.

އުމުރުން 28 އަހަރުގެ ފޯވަރޑްގެ ސޮއި ބާސާއިން ހޯދިއިރު، ރިޕޯޓުތައް ބުނާގޮތުން އެންމެ ފުރަތަމަ ބާސާއިން ގެންނަން މަސައްކަތް ކޮށްފައިވަނީ ރެއާލް ސޮސިއެޑާޑަށް ކުޅޭ ބްރެޒިލްގެ ފޯވަރޑް ވިލިއަން ހޯސޭ އެވެ.

ސްޕެނިޝް ލީގުގައި ބާސާ އޮތީ ކުޅުނު 24 މެޗުން 52 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ލީގުގައި ދެން ބާސާއިން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ބާސާ ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް