އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ މެންބަރުންގެ މައްސަލަތަކެއް މިހާރުގެ ކޮމިޝަނުން ބަލަމުންދާ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުސާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ވިދާޅުވީ، ކުރީގެ މެންބަރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. އެކަމަކު އޭގެ ތަފުޞީލު ހާމަކުރެވެން ނެތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އޭސީސީގެ ކުރީގެ މެންބަރުންގެ ދައުރު ހަމަވެފައިވަނީ ހުސްވި އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެ ކޮމިޝަންގެ ކުރީގެ މެންބަރުން އޭރުގެ ސަރުކާރުން ބޭނުންވި ގޮތަކަށް ކަންތައްތައް ކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުުކުރެއެވެ.
އޭރު ތިބި މެންބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްގެ މަޤާމު ފުރުއްވި ހަސަން ލުޠުފީގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކުރެވެއެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުން އެމަނިކުފާނު ސަލާމަތް ކުރައްވަން މަގުފަހި ކުރެވޭ ގޮތަށް ލުޠުފީ ޢަމަލު ކުރެއްވި ކަމުގެ ތުހުމަތުތައް ހިމެނެއެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޔާމީނުގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރުގެ މައްސަލަ ބަލަން އޭސީސީން ހިންގި ތަހުޤީޤުގައި ވެސް އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީނުގެ އެކައުންޓް ފްރީޒްނުކޮށް އެކްސްކްރޯ އެކައުންޓެއް ހުޅުވައި، ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް ހެދުމަށް އުޅުއްވިކަމުގެ ތުހުމަތުވެސް ވަނީ ލުޠުފީގެ މައްޗަށް ވަނީ ކުރެވިފައެވެ.
ފުލުހުން ވަނީ އެ މައްސަލާގައި ލުޠުފީ ހާޒިރުކޮށް ބަޔާނެއް ނަގާފައެވެ. އެއްމިލިއަން ޑޮލަރުގެ އެކައުންޓް ފްރީޒް ނުކުރެއްވީ ކީއްްވެގެންތޯ ފުލުހުން ސުވާލުކުރުމުން، ލުޠުފީ ވިދާޅުވެފައިވަނީ، އެކައުންޓް ފްރީޒް ނުކުރެއްވީ އޭނާ ފްރީޒް ކޮށްފާނެތީ ކަމަށެވެ. ލުތުފީ އޭސީސީގެ ރައީސް ކަމުން ވަކިވެވަޑައިގެންނެވީ އޭނާ ވަކި ކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.