ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 14:38
ރީތި ތާރީޚު ތަކުގައި ގިނަ ބަޔަކު އަންނަނީ ކައިވެނިކުރަމުން
ރީތި ތާރީޚު ތަކުގައި ގިނަ ބަޔަކު އަންނަނީ ކައިވެނިކުރަމުން
ސޯޝަލް މީޑިއާ
ކައިވެނި
20/02/2020 ގެ ރީތި ތާރީޚާއެކު 64 ކައިވެންޏެއް
ރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 14 ކާވެންޏެއް ކުރުމަށް ވަނީ ހަމަޖެހިފައި
ނުރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 11 ކާވެންޏެއް ކުރުމަށް ވަނީ ހަމަޖެހިފައި
ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފެމިލީ ކޯޓުން ޖުމްލަ 305 ކާވެންޏެއް ކޮށްދީފައިވޭ

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު 64 ކައިވެންޏެއް ކޮށްދިނުމަށް އެދިފައިވާކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

އެކޯޓުން ބުނީ މިތާރީޚުގައި ފެމިލީކޯޓުގައި ގިނަ ޢަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ވަޒީފާގެ ރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 14 ކާވެންޏަކާއި، ނުރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 11 ކާވެންޏަކާ އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ޖުމްލަ 39 ކާވެންޏެއް ޢަޤުދު ކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

2020 ވަނައަހަރުގެ ހުރިހައި ދުވަހެއްގައިވެސް ފެމިލީ ކޯޓުން ކާވެނިކޮށްދިނުމަށް ހަމަޖެއްސުމާއި ގުޅިގެން މިއަހަރުގެ މިހާތަނަށްވަނީ ގިނަ ޢަދަދެއްގެ ކާވެނި ފެމިލީ ކޯޓުން ޢަޤުދު ކޮށްދީފައިކަމަށް އެކޯޓުން ބުނެއެވެ. އެގޮތުން މިއަހަރުގެ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފެމިލީ ކޯޓުން ޖުމްލަ 305 ކާވެންޏެއް ޢަޤުދުކޮށްދީފައިވެއެވެ. މިއަދު ޢަޤުދުކޮށްދިނުމަށް ހަމަޖެހިފައިވާ 64 ކާވެނި ޢަޤުދުކޮށްދިނުމާއެކު މިއަހަރުގެ މިހާތަނަށް ފެމިލީ ކޯޓުން ޢަޤުކޮށްދެވުނު ކާވެނީގެ ޢަދަދު 369 އަށް އަރާނެ ކަމަށް އެކޯޓުން ބުނެއެވެ.

ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެކެވެ. މިއަދާ ދިމާކޮށް ކައިވެނި ހަފްލާތައް ބޭވުމަށް މާލޭގެ ގިނަތަންތަން ވަނީ ބުކް ކޮށްފަ އެވެ.

އާންމުގޮތެއްގައި މާލޭގައި ދުވާލަކު ކޮށްއުޅެނީ 10 އާއި 15 ދޭތެރޭގެ އަދަދެއްގެ ކައިވެނިކަމަށްވެއެވެ.

މިމަހުގެ ދެ ވަނަ ދުވަހުގެ ތާރީޚު ރީތިވެގެންވެސް ކައިވެނިކުރި އަދަދު ވަނީ އިތުރުވެފަ އެވެ. އެ ދުވަހު އެކަނިވެސް 41 ކައިވެންޏެއް ކޮށްފައިވެ އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު މުޅި ރާއްޖޭގައި 5,035 ކައިވެންޏެއް ކޮށްފައިވެ އެވެ. އަދި 3,432 ވަރި ކޮށްފައިވެ އެވެ.

- ކޮމެންޓް