ކޯހުގައި ބައިވެރިވާއިރު، ކުރިއަށްދާން ބޭނުންވާ ދާއިރާ ކަށަވަރުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިލްތިމާސް ކުރައްވައިފިއެވެ.
ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދިވެހިރާއްޖޭގެ ޒުވާނުންނަށް މަތީތައުލީމާއި ތަމްރީން ދިނުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ގަވާއިދުތަކާއި އުސޫލުތައް ހަދަމުން ގެންދަނީ ވަރަށް މުހިންމު ސަބަބުތަކަށްޓަކައި ކަމަށެވެ.
އޭގެ އެންމެ މުހިންމު ސަބަބަކީ ދަރިވަރުންނަށް ކިޔަވާދިނުމަށް އުނގެނުމުގައި ފައިސާ ހަރަދުކުރުމުގައި ރައްކާތެރިކަމެއް ފޯރުކޮށްދިނުމާއި، ސަރުކާރުން ގަބޫލުކުރާ ތަންތަނުން ތައުލީމު ހޯދުން ކަށަވަރުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުންނާއި އެމީހުންގެ ބެލެނިވެރިންނަށް އުފުލަން ނުޖެހޭ ކަހަލަ ނަފްސާނީ ތަކުލީފްތަކެއް އުފުލަން ޖެހިދާނެތީ އެކަމުން ސަލާމަތް ކޮށްދިނުމަށްކަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީގެ ފްރޭމްވޯކްގެ މައްޗަށް ރިޔާއަތްކޮށްގެން ދަރިވަރުންނާއި ބެލެނިވެރިން ތައުލީމީ ފުރުސަތުތައް ގޮތެއް ނިންމުމަށް ބާރު އަޅާ ކަމަށެވެ.
ސްކޫލުން ކިޔަވާ ނިމިގެން މަތީތައުލީމަށް ފުރުސަތުތައް ހޯދަނީ. އަޅުގަނޑުމެންނަށް ބައެއް ފަހަރު ފެނިގެން އެބަދޭ ވަރަށް ކެތްނުލަވާގެން ވަރަށް އަވަހަށް ކޮންމެވެސްތާކަށް ދާން އުޅޭ މަންޒަރު. ފަހަރުގައި އަޅުގަނޑުގެ ހިޔާލު ތަފާތުވެދާނެ. އެހެން ބައެއް ބެލެނިވެރިންނާ ހިޔާލު ތަފާތު ވެދާނެ. ނަމަވެސް ރަނގަޅު ނިންމުން ނިންމަން ދަރިވަރުންނަށް ފުރުސަތުދޭންވާނެ.ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އޯލަވަލް ނުވަތަ އޭލަވަލް ނިންމާ ކުއްޖަކު ދިމާލަކަށް ދާން ވިސްނާއިރު ވަރަށް ރަނގަޅަށް ކިޔަވަން ބޭނުންވަނީ ކޮންދާއިރާއަކުންތޯ އެބަ އެނގެން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ކުދިން ކޯސްތަކަށްދާއިރު ކަށަވަރުނުވާ މައްސަލަތަކާއި، ކޯސް މެދެއްހާ ހިސާބުން ހުއްޓާލާ މައްސަލަތައް ފެންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އޯލަވަލް ނުވަތަ އޭލަވަލް ނިންމާ ކުދިން ވަޒީފާގެ މާހައުލުގައި ނުވަތަ ކުރިއަށްދާން ބޭނުންވާ ދާއިރާގައި ވަޒީފާ އަދާކުރުމުން އިތުރަށް އެކުއްޖަކު އެދާއިރާއިން ކުރިއަށްދިއުމާއި، ނުވަތަ ނުދިއުމާ މެދު އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.