ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 23:01
ރައީސް ސޯލިހު އާއި އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން
ރައީސް ސޯލިހު އާއި އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކޮރަޕްޝަނާއި ނުފޫޒުގެ ސަބަބުން ފަނޑިޔާރުންގެ ނިޔާތައް އަނިޔާއަކަށް ވެގެން ހިނގައިދާނެ: ރައީސް
އިދާރީ ހިންގުން ބަދަލުވަމުން އަންނަކަމީ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމެއް: ރައީސް
އިޖްތިމާޢީ މައްސަލަތަކަށްވެސް، އެކަށީގެންވާ ހައްލެއް ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ފަނޑިޔާރުގެއިން :ރައީސް ސޯލިހު
އެންމެ މުހިންމު ކަމަކީ، އަދުލު އިންސާފު އޭގެ ވަގުތުގައި ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވި

ކޮރަޕްޝަނާއި ފައިސާގެ ދަހިވެތިކަމާއި، އަމިއްލަ މަސްލަހަތުތަކާއި ތަފާތު ނުފޫޒު ފަދަ ކޮންމެ ކަމަކީވެސް، ފަނޑިޔާރުން އިއްވާ ނިޔާތައް، އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންތައްތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ޤަޟާއީ އަހަރު 2020"ގެ އިފްތިތާހީ ޖަލްސާ އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ވައުދުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމަށް މަސައްކަތްކުރާ، ފަނޑިޔާރުގެއެއް ޤާއިމުކޮށްދިނުން ކަމަށެވެ. ސަރުކާރު ކުރިއަށްދަނީ އެ ވައުދުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

މުޅި ޝަރުޢީ ނިޒާމަށް ބަލާއިރު،ކޯޓުތަކުން ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަށް އިދާރީ ހިންގުން ބަދަލުވަމުން އަންނަކަމީ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހުރިހާ ކޯޓުތަކެއް އެއް ވިއުގައަކުން ގުޅާލެވި، ކޯޓުތަކުގެ މެދުގައި މުޢާމަލާތު ކުރެވޭނެ ފަސޭހަ އިންތިޒާމެއް، މިހާރު ހަމަޖެހިފައި އޮތުމަކީ ވެސް، ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއް.
އިބްރާހިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ

އެމަނިކުފާނު ވިދާޅުވީ، މިހާރު ފެތުރިފައިވާ އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކަށްވެސް، އެކަށީގެންވާ ޙައްލެއް ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ފަނޑިޔާރުގެއިން ކަމަށެވެ.

އެއީ ކުޑަކުދިންނަށް ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކާއި، މާރާމާރީއާއި ގޭންގުކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ވިޔަސް، އެފަދަ ކޮންމެ މައްސަލައެއް ހައްލުކުރުމުގައި، ކޯޓުތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، އަދުލު އިންސާފު އޭގެ ވަގުތުގައި ގާއިމުކުރުމެވެ.

ހަމައެކަނި ކޯޓުތަކުގެ އިދާރީ ހިންގުން ބަދަލުކޮށް ޤާނޫނުތައް އިޞްލާޙްކުރުމުން ރައްޔިތުން ބޭނުންވާ ހަގީގީ ބަދަލު ނުފެންނާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ބަދަލަކީ، އަދުލު އިންޞާފުގެ މަގުން ނިޔާތައް ކަނޑައެޅުން ކަމަށާއި، އެކަން ފަނޑިޔާރުގެއިން ފެންނަން ފަށާނީ ފަނޑިޔާރުން، އެ ބޭފުޅުންގެ އަމިއްލަ ނަފްސުން ފެށިގެން، އިސްލާހީ ބަދަލުތަކަށް ފުރުޞަތު ދެއްވައިގެން ކަމަށް ރައީސް ސޯލިހު ފަނޑިޔާރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރައްޔިތުންގެ ޙައްޤުތަކާއި، ފަނޑިޔާރުންގެ ނިންމުންތަކާ ދެމެދަށް ހުރަސްއަޅާ، ވަރަށް ގިނަ ކަންކަން އެބަހުރި. ކޮރަޕްޝަނާއި ފައިސާގެ ދަހިވެތިކަން، އަމިއްލަ މަޞްލަޙަތުތަކާއި ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީވެސް، ފަނޑިޔާރުން އިއްވާ ނިޔާތައް، އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންކަން.
އިބްރާހިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ

ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއަޅާ ފަދަ ކަންކަމަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު، ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ، އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ ކަމަށް ރާއްޖޭގެ ގިނަ ފަނޑިޔާރުން ތަކެއް ބައިވެރިވެ ވަޑައިގެންނެވި ހަފްލާގައި ރައީސް ވިދާޅުވިއެވެ. އެކަން ނުކުރެވޭހާ ހިނދަކު، ރައްޔިތުންގެ ހައްގުތައް ވެސް ރައްކާތެރިއެއް ނުކުރެވޭނެ ކަމަށާއި، އަދި އިޖްތިމާޢީ ހަމަޖެހުމާއި އަމާންކަމެއް ވެސް ގާއިމެއް ނުކުރެވޭނެ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

- ކޮމެންޓް