ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުން ރުއްގަސް ނަގައިގެން އެކަމުން މާލީ މަންފާއެއް އެއްވެސް ބަޔަކަށް ލިބިގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ މެންބަރު އަލީ ހުސައިން ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ޤަރާރުގެ ބޭނުމަކީ ތަރައްޤީގެ ނަމުގައި ރަށްރަށުން ރުއްގަސް ވިއްކާ ވިއްކުން ހުއްޓުވުން ކަމަށެވެ. އަދި ކޮންމެހެން އަޅަންޖެހޭ އިމާރާތެއް އެޅުމަށްޓަކައި ނަގަން ޖެހޭ ގަހެއް ނޫނީ ނުނެގުމަށާއި އަދި ވިޔަފާރިއެއްގެ ގޮތުގައި ކުރެވޭ ކަމެއްގެ ގޮތުގައި އެކަން ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރުއްގަސް ނެގުމާއި ގުޅޭގޮތުން ހެދިފައިވާ ޤަވާއިދު އަދިވެސް އިސްލާހުވީކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި މީގެ 12 އަހަރު ކުރިން ހިއްކާފައި އެއްވެސް ކަމެއް ނުކޮށް ހުރި ހުރި ބިންތައް އެބަހުރި ކަމަށާއި އެތަންތަން ނާސަރީތަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. އަދި އިންޑަސްޓްރީ އެއްގޮތުގައި އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ކޮޅުން ފޯދިފައި ހުންނަ ރުއްތަކަކީ ކަނޑަން ޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް އެކަން ކުރާތަން ނުފެންނަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަށުން ފޯދިފައި ހުންނަ ރުއްތަކަށް އަރައިނުގަނެވިފައި ހުންނަތަން ފެންނަ ކަމަށެވެ.
މިކަމާއި ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރުއްގަސް ވިއްކުމުގެ މި ވިޔަފާރި ފުޅާވެގެން ދަނީ އެކަމުގައި ފައިސާގެ މުއްމަލާތްތަކެއް ހިންގާތީ ކަމަށެވެ. ޒާހިރު ވިދާޅުވީ 2006 ވަނަ އަހަރުން ފެށިގެން އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމާއި އުފުރައިގެން ގެންދިއުމަށް ޤަވާއިދެއް ކަނޑައަޅާ އެ ޤަވާއިދުގެ ދަށުން އަމަލު ކުރެވެމުންދާ ކަމަށެވެ.
އަދި މިސަރުކަރު އައުމައި އެކުގައި "ރަށްފެހި" ޕްރޮގްރާމެއް ފެށިފައިވާ ކަމަށާއި އެ ޕްރޮގްރާމުގެ ދަށުން 13000 ރުއްގަސް ރާއްޖޭގެ އެކި ރަށްރަށުގައި އެކި ފަރާތްތަކުން އިންދާފައިވާ ކަމަށެވެ. 17000 ގަސް އިންދުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ނޭނގިވެސް ގިނަ ފަރާތްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ދުވަސްވެފައި ހުރި ރުއްތައް ފުރަތަމަ ކަނޑާލިޔަކަސް ބަލައެއް ނުގަނެވޭނެ ކަމަށާއި ރުއް އިންދާ ހެއްދުމަށްފަހު ރުއް ކެނޑޭނެ ކަމަށެވެ. އެހެން ނޫން ނަމަ ބެލެންސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްމޫން އާދަމް ވިދާޅުވީ ރުއްގަސް ނެގެނީ ކައުންސިލް ތަކަށް އެނގިގެން ކަމަށާއި އެކަން ކުރަނީ ވަރަށް ސްމާޓްކޮށް ކަމަށެވެ. މި މައްސަލައިގައި އެލްޖީއެއީ އިން ބުނެފައިވަނީ ރުއްގަސް ނަގާ މައްސަލަތަކުގައި އެކަން ކޮށްފައި އޮންނަނީ ޤަވާއިދުގެ ތެރެއިން އީޕީއޭއިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.
މަނިޓަރީ ޓަރމް ސާރފޭސް ލެވެލްގައި ނެތަސް ސާރފޭސް ލެވަލް ގައި ނެތަސް އެންމެންނަށްވެސް އިނގޭ ފަހަތުގައި ވަރަށް ބައިވަރު ކަންތައްތަކެއް އޮންނަކަންއެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްމޫން އާދަމް
ރުއްގަސް ކަނޑާ މައްސަލައިގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. ހާއްސަކޮށް އަލަށް ހަދާ ރިސޯޓުތަކާއި ހިއްކާ ސަރަހައްދުތަކުގައި އިންދަން ރުއްގަހުގެ ވިޔަފާރި ކުރާ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.