Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 19:29
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ވަޒީފާއާއި ބެހޭ ގާނޫނު
ބިލުގައި އޮންނަ ކަމަކަށް ހިޔާލު ތަފާތުވިޔަސް ޕީޖީން ބުނުމުން ބިލް ހުށަހަޅަންޖެހޭ: ޢީސާ
ސަރުކާރުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް ޕާލިމެންޓްރީ ގްރޫޕަށް ހުށަހެޅުމުން މަޖިލީހަށް ހުށަހަޅާ މެމްބަރެއް އިހްތިޔާރުކުރާނީ ޕީޖީ ގްރޫޕުން
މެމްބަރުގެ މަސްއޫލިއްޔަތަކީ ބިލާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޕާލެމެންޓްރީ ގްރޫޕާއި ހިއްސާ ކުރުން
ހުށަހެޅިފައިވާ ބައެއް އިސްލާހުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި

ބިލުތައް މަޖިލީހަށް ހުށަހަޅާ މެމްބަރުން ކަނޑައަޅާނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކަމަށާއި ހުށަހަޅާ ކޮންމެ ބިލަކީ ހިޔާލު އެއްގޮތްވެގެން ހުށަހަޅާ ބިލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ވަޒީފާގެ ގާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރަކީ އަހުމަދު ޢީސާއެވެ. އިސްލާހުތަކުގެ ތެރޭގައި ޕްރޮބޭޝަން މުއްދަތު އިތުރުވުމާއި އަހަރީ ޗުއްޓީ ލިބޭ ގޮތާއި އަދި ސަލާމް ބުނުމާއި އިތުރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން މެމްބަރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، އެމްޑިޕީގެ ތެރޭގައި ޕާލަމެންޓްރީ ގްރޫޕްގައި ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން، ވެރިކަމުގައި ތިބޭއިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް ޕާލިމެންޓްރީ ގްރޫޕަށް ހުށަހެޅުމުން މަޖިލީހަށް ހުށަހަޅާ މެމްބަރެއް އިހްތިޔާރުކުރާނީ ޕީޖީ ގްރޫޕުން ކަމަށެވެ.

Advertisement

އީސާ ވިދާޅުވީ، އާންމު އުސޫލެއްގެ ދަށުން ޕާލެމަންޓްރީ ގްރޫޕްގެ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރަކަށް ބިލް ހުށަހެޅުމަށް އެދުމުން ބިލްގައި ހުރި ހުރިހާ ވާހަކަތަކަކީ އެ ބިލް ހުށަހަޅާ މެމްބަރު ފުރިހަމައަށް ގަބޫލުކުރާ ނުވަތަ އެ މެމްބަރު ބިލްގައި ހުރި މާއްދާތަކާއި ސުވާލެއް އުފެދޭކަމެއް ވިޔަސް އިންކާރު ނުކުރާނެކަމަށެވެ.

އެމްޑިޕީގެ ތެރޭގައި ޕާލަމެންޓްރީ ގްރޫޕްގައި ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން، އަޅުގަނޑުމެން ވެރިކަމުގައި ތިބޭއިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް ހުށަހަޅަމުން ގެންދާނީ އަބަދުވެސް ޕާލެމަންޓްރީ ގްރޫޕަށް ސަރުކާރުން ފޮނުވާނީ. ފޮނުވީމައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިންމަވާނީ ކޮން މެމްބަރެއްގެ ނަމުގަތޯ ބިލު ހުށަހަޅާނީ ، ކޮން މެމްބަރެއްތޯ ސްޕޮންސަރ ކުރާނީ. އާންމު އުސޫލެއްގެ ދަށުން ޕާލެމަންޓްރީ ގްރޫޕްގެ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރެއް ކައިރީގައި ބިލެއް މަޖިލީހަށް ވައްދަން އޭނަގެ ނަމުގައި ވައްދަން ބުނީމަކާއެއް އިންކާރެއް ނުކުރާނެ. އޭގެ މާނައެއް ނޫން އޭގައި ހުރި ހުރިހާ ވާހަކަތަކަކީ އެ ބިލް ހުށަހަޅާ މެމްބަރު ފުރިހަމައަށް ގަބޫލުކުރާ ނުވަތަ އެ މެމްބަރު ބިލްގައި ހުރި މާއްދާތަކާއި ސުވާލެއް ނުއުފެދޭ ވަރަށް މެމްބަރު ބައިވެރިވެގެން ޑްރާފްޓްކޮށްފައި އޮތް ބިލެއް ކަމަކަށް ވުން.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ

ބިލް ހުށަހެޅުމަށްފަހު މެމްބަރުގެ މަސްއޫލިއްޔަތަކީ ބިލާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޕާލެމެންޓްރީ ގްރޫޕާއި ހިއްސާ ކުރުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އެކި މަރުހަލާތަކުގައި އެ ބިލް ގާނޫނަކަށް ވަންދެން ބިލް ހުށަހަޅާ މެމްބަރަކު އިސް ދައުރެއް އަދާކުރާނެ ކަމަށެވެ. އީސާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހުރިހާ ކަމެއް ނިންމާނީވެސް ރައޔިތުންގެ ހިޔާލު ހޯދުމަށް ފަހު ކަމަށާއި ރައްޔިތުންނާއި ދެކޮޅަށް އެއްވެސް ނިންމުމެއް މަޖިލީހުން ފާސްކުރުމަކީ "އަޖައިބަކަށް" ވާނެކަމެއް ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މީގެ ކުރިން މި ގާނޫނުގައި އޮތް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު 3 މަސް ދުވަހުގެ ބަދަލުގައި 6 މަސް ދުވަހަށް އިތުރު ކުރުމަށެވެ. ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން ހިމެނޭއިރު މުވައްޒަފު ބަލިވެގެން ސަލާމް ބުނާ އުސޫލަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އެގޮތުން، މެޑިކަލް ސެޓްފިކެޓް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް އިސްލާހުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް