އިންޑިއާގެ ހޯމް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އިންޑިއާއަށް ވަޑައިގެންފިއެވެ.
ފުރާވަޑައިގަންނަވަމުން ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިދަތުރުގައި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރާ ކަމަށެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ދެގައުމުގެ ދެމެދުގައި ޒަމާންވީ ގާތްގުޅުމެއް އޮންނަ ކަމަށާއި، މިގުޅުން ހީނަރުވެގެން ދިޔަ ދުވަސްކޮޅެއް ވެސް އައިކަމަށެވެ. ނަމަވެސް ރާއްޖޭގެ ދާހިލީ ސަލަމާތާ ގުޅުންހުރި ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ޒަމާނުއްސުރެ ލިބިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލުން މިގުޅުން ބަދަހި ކުރެވިގެންދަނީ ދެގައުމުގެ ސަލާމަތާއި ރައްކާތެރިކުގެ ތެރެއިން. އެގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިންޑިއާ ކަނޑުގެ ސަލާމަތަކީ ވަރަށް ވެސް މުހިންމު ކަމެއް. އެހެންވީމަ އަޅުގަނޑުމެން މިދަތުރުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ދިވެހިރާއްޖޭގެ ދާހިލީ ސަލާމާތާއި ރައްކާތެރިކަމަށް އިންޑިއާ ދެގައުމު އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި އެކުގައި މަސައްކަތް ކުރެވިދާނެ.ހޯމް މިނިސްޓަރު އިމްރާން
މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމަށް ބޮޑެތި އެހީތެރިކަމެއް ލިބެމުންދާ އިންޑިއާގެ ފަރާތުން މިފަހަރު އިތުރަށް އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ދެގައުމުގެ މަސްލަހަތާއި، ދާހިލީ ސަލާމާތާއި ރައްކާތެރިކަމަށް އިތުރަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.