ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 13:59
އެފްއޭއެމް ހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެފްއޭއެމް ހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް
ބެންގަލޫރާއި ދެކޮޅަށް ނުކުންނާނީ ކުރިން ހެދުނު ގޯސްތަކަށް ސަމާލުވެގެން: ސެކުލޮސްކީ
ކުރިން ބެންގަލޫރާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗުތަކުން ބަލިވީ ހަނިގޮތަކަށް
މާޒިޔާ އަދި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި

ބުދަ ދުވަހުގެ ހަވީރު ބެންގަލޫރާއި ދެކޮޅަށް ނުކުންނާނީ ކުރިން ހެދުނު ގޯސްތަކަށް ސަމާލުވެގެންކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

އެފްއޭއެމް ހައުސްގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަދައްކަމުން ސެކުލޮސްކީ ބުނީ މީގެ ކުރިން ބެންގަލޫރާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗުތަކުން ބަލިވީ ހަނިގޮތަކަށް ކަމަށާއި އެފަހަރު ހެދުނު ގޯސްތަކަށް ސަމާލުވެ، މި މެޗަށް ނުކުންނާނީ މޮޅުވާން ކަމަށެވެ. މީގެ އިތުރުން ސެކުލޮސްކީ ބުނީ ބުދަ ދުވަހު އަމިއްލަ ގައުމުގައި ބެންގަލޫރާއި ދެކޮޅަށް ނުކުންނަ މެޗާއި އެއްވަރަށް އިންޑިއާގައި ބެންގަލޫރާއި ދެކޮޅަށް ކުޅޭ މެޗަކީ ވެސް މުހިންމު މެޗެއް ކަމުގައެވެ.

ސެކުލޮސްކީ އިތުރަށް ބުނީ ބެންގަލޫރާއި ދެކޮޅަށް ކުރިން ކުޅުނު މެޗުތަކުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށާއި ނަމަވެސް މި މެޗަށް މާޒިޔާއިން ނުކުންނާނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ކަމަށެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ބުދަ ދުވަހު މާޒިޔާ ކުޅޭއިރު ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދިފައެވެ. އަސަދުﷲ ބުނީ ބުދަ ދުވަހު ކުޅޭ މެޗުގައި މާޒިޔާ ކުޅުނު ކަމުގައި ވިޔަސް މާޒިޔާއިން ނުކުންނާނީ ގައުމު ތަމްސީލު ކުރަން ކަމަށާއި އެހެންކަމުން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ ދެ ޓީމު އޮތުމަށް މި މެޗަށް ވަދެ މާޒިޔާއަށް ސަޕޯޓްކޮށްދިނުމަށް އެދިފައެވެ.

ބެންގަލޫރު އެފްސީން ވަނީ މީގެ ކުރިންވެސް އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅެފައެވެ. އޭގޮތުން މާޒިޔާއާއި ދެކޮޅަށް ބެންގަލޫރުން ވަނީ 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ކުޅެފައެވެ. 2017 ވަނަ އަހަރު ކުޅުނު ދެ މެޗުން ވެސް މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މާޒިޔާ އަދި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް