ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް އަދި ދައުލަތުގެ އެއްވެސް ބޭފުޅަކުވެސް މަޖިލީހުގެ ރައީސް އަރިހުގައި ސިއްރުން ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ ހޯމަ ދުވަހުގެ ޖަލްސާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށާއި ނަމަވެސް އެރިޕޯޓް ލިބިފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ވިދާޅުވެފައިވަނިކޮށް އޭސީސީން އެރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫންކަމަށް ބުނެފައިވަނިކޮށެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭސީސީން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓް ލިބިވަޑައިގަންފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައިކަމަށާއި، އެހެންކަމުން ސިއްރު ރިޕޯޓެއްގެ ގޮތުގައި މެންބަރުންނާ ހިއްސާކުރެއްވުމަށް ގަސްތު ކުރައްވާކަމަށެވެ. ރައީސް ނަޝީދު މިރިޕޯޓް ސިއްރުކުރެއްވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އެމަނިކުފާނަށް އަމާޒުވެފަ އެވެ.
މަޖިލީހުގެ މި ނިންމުމާ އެކު، އެ ރިޕޯޓް ހާމަކުރަން އޭސީސީންނާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން އޭސީސީގެ އޮފިޝަލުން މީޑިއާތަކަށް ދީފައިވާ އިންޓަރވިއުތަކުގައި ބުނެފައިވަނީ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ސިއްރު ޖަހާފައި މަޖިލީހުގެ އިދާރާ އާއި، އެމްއޭސީއެލާއި، ފިނޭންސް މިނިސްޓްރީ އަށް ފޮނުވީ ރިޕޯޓުގައި ހުރި މައުލޫމާތު އެ ކޮމިޝަނުން އިސްވެ އާންމުކުރަން ބޭނުންވާތީ ކަމަށެވެ.
ދައުލަތުގެ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ސިއްރު ޖަހާފައި ފޮނުވާ އެފަދަ ރިޕޯޓްތަކާއި މައުލޫމާތުތައް އާންމުކުރެވޭނީ އެ ފޮނުވި އިދާރާއެއްގެ ހުއްދައާ އެކުގަ އެވެ. މަޖިލީހުގެ ރައީސް އޭސީސީގެ ރިޕޯޓު ސިއްރުކަމަށް އިއުލާންކުރެއްވިފަހުން ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއިން ވަނީ މިރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ އެމްއޭސީއެލްއާ ގުޅޭ ރިޕޯޓް އެއީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ވިދާޅުވީ އޭގެ ބޭރުގައި ސިއްރު ޖަހާފައި އޮތުމުން ކަމަށެވެ.
ދެން އެހެންނަމަވެސް މިއަދު މިއެނގުނީ އެއީ އެސިޓީކަން ސިއްރީ. ސިޓީގެ ބޭރުގައި ޖަހާފައި އޮތީ ސިއްރު . އޭސީސީން އެބައޮތް ވިދާޅުވެފައި އެއީ ސިއްރެއް ނޫނޭ. ދެން އެހެންވީމާ އަޅުގަނޑު މިދެކެނީ އެސިޓީ އޭ އެއޮތީ ސިއްރުވެފައި. ރިޕޯޓް އެއޮތީ ވެބްސައިޓަށް ލެވިފައި. ކޮންމެ ގޮތެއްވިއަސް އަޅުގަނޑަށް އެލިބުނުއިރުގައި ބޭރުގައި ސިއްރު ބޮޑުއަކުރުން ޖަހާފައި އޮތީމާ އަޅުގަނޑު ތަކުރާރުކޮށް އެތައް ފަހަރަކު އަމީން އާންމުގެ އަރިހުގަޔާއި ކައުންސިލަރ ޖެނެރަލް އަރިހުގައި އެހިން ކިހިނެއްތޯއޭ ހަނދާނީ އަޅުގަނޑު ވަރަށް ހިތް ނުރެހޭ ކަމެކޭ ސިއްރު ޖަހަޖަހާފައި މިތަނަށް އަޅުގަނޑަށް ތަކެތި ފޮނުވުން އެއީ. އަޅުގަނޑަށް ސިއްރު ޖަހާފައި ކިތަންމެ އަވަހަކަށް މިތަނަށް އެއްޗެހި ފޮނުވިއަސް ހަމަ އެސިއްރުމިނުގައި ތިޔަ 87 މެމްބަރުންނާ އަޅުގަނޑު ފޯރުކޮށްދޭން ބޭނުން. އެއީ މިތަނުގައި ސިއްރު ހިފަހައްޓާ ގޮތަކީ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަރިހުގައި އެކަނި ދައްކާނެ ސިއްރު ވާހަކަ އެއް ނޯންނާނެކަމަށެވެ. އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ވާހަކަ އެއް 87 މެންބަރުންނާ ހަމަ ސިއްރުން ދަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އައު ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއިން ނިންމި ނިންމުމުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި ހޯމަ ދުވަހުގެ ރޭ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ މިހާރު މިކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވާފަ އެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި، ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ. އެއަށް ފަހު ބާކީ އޮންނަ ޖާގަކަމަށްވާ 21000 އަކަމީޓަރ ދޫކުރާނީ ބިޑް އުސޫލުން މާކެޓްގެ އަގުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
އަދި އައު ސީޕްލޭން ޓާމިނަލް އަށް ޓީއެމްއޭ ބަދަލުވުމުގެ ކަންތަކުގައި ސަރުކާރުން ހުށަހެޅި ގޮތް ގަބޫލުނުކޮށް އާބިޓްރޭޝަނަށް ދާން އެއްވެސް ފުރުސަތެއް އެކުންފުންޏަށް ނޯންނާނެ ކަމަށް މިނިސްޓަރ ކޮމިޓީގައި ވިދާޅުވި އެވެ.
ސަރުކާރުގެ މިނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިންމުމަކީ ދުރުވިސްނޭ ރަނގަޅު ވިސްނުމެއްކަމަށެވެ.