ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅަށް ހެންވޭރުގައި ހުރި ގެއަކުން ފެން އެއްޗެއް ބަންޑުން ކޮށްލާފައިވަނީ ޓެރަސްގައި ހުރި ގަސްތަކަށް ފެންދިނުމުގެ ތެރޭގައި ކަމަށާއި، އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 15 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ފެށި ޕޯސްޓަރު ހަރުކުރުމުގެ ކެމްޕޭނަށް ވަޑައިގެން އުޅުއްވަނިކޮށް ރައީސް ސޯލިހުގެ ކާރުކޮޅަށް ހެންވޭރުގެއަކުން ފެންއެއްޗެއް ބަންޑުން ޖަހާލި މައްސަލައެއް ފުލުހުން ބަލަން ފެށިއެވެ.
މި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ރައިސްގެ ކާރުކޮޅުމައްޗަށް ހެންވޭރުގައި ހުރި އިމާރާތަކުން ފެން އެއްޗެއް ބަންޑުންކޮށްލިކަމަށް ބެލެވޭ މައްސަލައާއި ގުޅިގެން، އެކަން ފުލުހުން ބެލި ބެލުމުން، މި ހާދިސާ ހިނގާފައިވަނި އެގޭގެ ޓެރަސް މަތީގައި ހުރި ގަސްތަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. އަދި އެއީ ގަސްދުގައި މީހަކު ކުރި ކަމެއް ނޫންކަންފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި ހާދިފާ ހިނގި ވަގުތު ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ.