ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް 7 މެމްބަރުން އައްޔަނުކުރުމަށް ފާސްކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޢައްޔަންކުރައްވާފައިވާ 7 މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މި 7 ބޭފުޅުންނަށް ރުހުންދޭން ފެންނަތޯ، ނުވަތަ ނުފެންނަތޯ ކޮންމެ މެމްބަރަކަށް ވަކި ވަކިން ވޯޓަށް އަހާފައިވެއެވެ.
އެގޮތުން ޕީސީބީގެ ރައީސްކަމަށް ޙަސަން ވަޙީދު (ކުދިމާގެ/ ގދ. ތިނަދޫ) އަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ބޯޑުގެ ނައިބު ރައިސް ކަމަށް ކަމަށް އާޞިމް މުޙައްމަދު (ގ. މެޒަރިން/ ކ. މާލެ) އަށް ރުހުންދޭން ފެންނަ ކަމަށް 65 މެމްބަރުން ވޯޓު ދެއްވިއެވެ. ޕީސީބީގެ މެމްބަރު ކަމަށް ޢާއިޝަތު ޝާޒުލީ (އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާ) އައްޔަނުކުރުމަށް 60 މެމްބަރުން ވޯޓު ދެއްވިއިރު ރުޝާހާ އަޙްމަދު ޝަރީފް (ބޭންކިންގ ދާއިރާ) ބޯޑުގެ މެމްބަރު ކަމަަށް އައްޔަނު ކުރުމަށް 64 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ޢަލީ ޝަފީޢު (ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ) މެމްބަރު ކަމަށް އައްޔަނު ކުރުމަށް 62 މެމްބަރުން ވޯޓު ދެއްވިއެވެ. އަލްއުސްތާޛު ޢަލީ ޝުޖާޢު (ޤާނޫނުގެ ދާއިރާ) ޕީސީބީގެ މެމްބަރުން ކަމަށް ފެންނަ ކަމަށް 63 މެމްބަރުން ވޯޓު ދެއްވިއިރު އަޙްމަދު ޝަރީފް ޔޫސުފް (އިކޮނޮމިކްސް ދާއިރާ) ފެންނަ ކަމަށް 65 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
ވަކި ގާނޫނެއްގެ ދަށުން ޕްރައިވެޓައިޒޭޝަން ބޯޑު އުފައްދާފައި ވަނީ 2013 ވަނަ އަހަރު އެވެ. ދެ ފަހަރެއްގެ މަތިން އެ ބޯޑަށް މެމްބަރުން އައްޔަން ކުރިިއިރު މަޖިލީހުގެ ރުހުން ހޯދާފައީ ނުވާތީ އެސްއޯއީ އިން ވަނީ އެބޯޑު އަލުން އެކުލަވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ. އަދި އެ މެމްބަރުންގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕީސީބީގައި ތިއްބެވި މެމްބަރުން ވަކިކޮށް އައު މެމްބަރުންތަކެއް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.
ދައުލަތުގެ ވިޔަފާރީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި 7 މެމްބަރުން ހިމެނޭއިރު، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމުގެ އިތުރުން، ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީ އެ ބޯޑުގެ ޒިންމާއެކެވެ.