މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ދޫކުރާ ލޯނު ސްކީމްގެ ދަށުން 550 ފަރާތަކަށް 151 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި ލޯނު ސްކީމާ ބެހޭ މައުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރި ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، 151 މިލިއަން ރުފިޔާގެ ލޯނު ސްކީމުގެ ދަށުން 550 ފަރާތަކަށް ލޯނު ދޫކުރާއިރު، އެފަރާތްތައް ކަނޑައެޅުމުގައި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ލޫނު ދޫކުރާއިރު ތަފާތު ތިން ކެޓަގަރީއަކަށް ބަހާލައިގެން ލޯނު ދޫކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކެޓަގަރީއަކީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޭ ފުރުސަތާއި ރާއްޖެއިން ބޭރުގައި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދެވޭ ފުރުސަތުގެ އިތުރުން އިންތިހާބީ 87 ދާއިރާއަށް ހާއްސަކޮށްފައިވާ ކޮންމެ ދައިރާއަކަށް ދޫކުރެވޭ ލޯނުގެ އެއްފުރުސަތު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިބްރާހީމް ހަސަން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ 87 ދާއިރާއިން ކޮންމެ ދާއިރާއަކަށް އެއް ފުރުސަތު ދިނުމަށް ނިންނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އެކަމަށް އެދި ކުރެވިފައިވާތީ މަޝްވަރާގެ ދަށުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދާއިރާތަކަށް ހުޅުވާލެވޭ ފުރުސަތުގައި ކޮންމެ ދާއިރާއަކުންވެސް ޝަރުތު ފުރިހަމަވާ ކޮންމެވެސް އެއްފަރާތަކަށް ލޯނު ލިބޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަލަށް ކިޔަންވަން ފަށަން ވިޔަސް، ނުވަތަ ކިޔަވަމުންދާ ދަރިވަރަކަށްވިޔަސް، އަދި އިންތިހާބީ ދާއިރާގެ ކެޓަގަރީން ވިޔަސް، ކޮންމެ ފަރާތަކަށް ވެސް ކުރިމަތި ލެވޭނީ ކޮންމެ ވެސް އެއް ކެޓަގަރީއަކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯނަށް އެދޭއިރު، ހުށަހަޅާ ސެޓްފިކޭޓްތަކުގެ އަސްލާ އެއްގޮތްކަމަށް ކަނޑައަޅާ ތައްގަނޑު، ސެފިކެޓްތަކުގެ ކޮޕީގައި ކޮންމެހެން ޖަހަން ނުޖެހޭ ކަމަށެވެ. އެކަން އެގޮތަށް ހަމަޖެއްސީ ލޯނަށް އެދުމުގެ ފޯމް ހުށަހެޅުމަށް ދަރިވަރުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ލޯނު ހަމަޖެހުމުން ސެޓްފިކޭޓްތަކުގެ އަސްލާ އެއްގޮތްކަމަށް ކަނޑައަޅައި ޖަހާ ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އެމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު އިބްރާހީމް ހަސަން ވިދާޅުވި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހޯމަ ދުވަހުން ފެށިގެން މިހާރު ވަނީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށާއި ފޯމު ހުށަހެޅުމުގެ ސުންގަޑުއަކީ އަންނަ މަރޗު މަހުގެ 09 ވަނަ ދުވަހުގެ 13:30 ކަމަށެވެ.
އެމިނިސްޓްރީން ބުނީ ލޯނަށް ހޮވުނު ފަރާތްތައް އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރެވޭނެ ކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިދިއަ އަހަރު ތިން ބުރަކުން 140 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މިއަހަރުގެ ފުރަތަމަ ބުރުގައިވެސް 151 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާއިރު، އިތުރު ބުރެއް އޮންނާނެ ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.