Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 18:22
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އިންފްލުއެންޒާ އެޗްވަންއެންވަނ
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
އެންމެ ފުރަތަމަ އައުޓްބްރޭކް އިއުލާނު ކުރި އިރުވެސް އޮތީ ލެެވެލް ތިނެއްގަ
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 3 މީހުން ވަނީ މަރުވެފަ

ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން އަދިވެސް ބަލި އޮތީ ލެވެލް ތިނެއްގާއި ކަމަށާއި އެއަށް ބަދަލު ނާންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގޮތުން ލެވެލް ތިނެއްގައި ދަތުރުފަތުރު ކުރުމުގައި ބަލަން ޖެހޭ އިރު ދިރިއުޅޭ ސަރަަހއްދުގެ ބައެއް ކަންކަން ހުއްޓަން ޖެހެއެވެ. އެގޮތުން ބައެއް ގެތަކަށާއި ބަލި އުޅޭ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކަށް ދިއުން ވެސް މި ލެވެލްގައި އެއީ އެންމެ އެދެވޭ ކަމެއް ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެޗްޕީއޭ އިން ވަނީ އެ ރޯގާގެ ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި ކަން ފާހަގަކޮށްފަ އެވެ. އަދި އެ މައުލޫމާތު ކަމާ ބެހޭ މުއައްސަސާތަކާ ވަނީ ހިއްސާ ވެސް ކޮށްފައެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގެ ކިޔެވުން އާދިއްތަ ދުވަހު ފެށޭނެ ކަން އިއުލާނު ކޮށްފަ އެވެ.

އެޑިއުކޭޝަނުން މިގޮތަށް ނިންމާފައި ވަނީ ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމަށް އެޗްޕީއޭ އިން ލަފާ ދީފައި ވަނިކޮށް ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެޗްޕީއޭ އިން މިމަހުގެ 13 ވަނަ ދުވަހުގެ ރޭގަނޑު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރޯގާގެ އައުޓްބްރޭކެއް އުޅޭކަން އިއުލާނުކޮށް، އައުޓްބްރޭކް ލެވެލް އޮތީ ލެވެލް ތިނެއްގައިކަން އިއުލާނުކޮށްފަ އެވެ. އަދި އެރޭ ވަނީ ސްކޫލުތަށް ވެސް ވަގުތުން ބައްދު ކުރުމަށް ނިންމާފަ އެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ބެލެނިވެރިން ސުވާލު ކުރިމަތިކުރުވަމުން ދިޔަ ދަނޑިވަޅެއްގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަށް އަދި ރޯގާއާ ގުޅިގެން އެޗްޕީއޭ އިން އެކުލަވާލާފައިވާ ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ޑރ. އަބްދުﷲ ނިޔާފް ވަނީ ޖޯލް އެޑަމްސްގެ “ޕްލީސް ޑޯންޓް ގޯ” މި ލަވަ ޓްވިޓާގައި ޝެއަރކުރައްވާފަ އެވެ. އަދި  އެއާ އެކު މި ލަވައިން ސްކޫލް ކުދިން ސްކޫލްތަަކަށް ނުފޮނުވުން ދޭހަވާ ކަަމަށާއި މެސެޖް ވަރަަށް ސާފު ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޓްވީޓް ކޮށްފަ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކޮމެންޓަކަށް ނިޔާފް ޖަވާބެއް ދެއްވާފައެެއް ނުވެ އެވެ.

އެޑިއުކޭޝަނުން ސްކޫލްތައް ހުޅުވަން ނިންމި ނަމަވެސް ދަރިވަރުން ސްކޫލްތަކަށް ނުފޮނުވާނެ ކަމަށް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ. އެ ގޮތުން ކްލާސް ވައިބާ ގްރޫޕްތަކުގައި ވެސް ސްކޫލަށް ނުފޮނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 އެޗްޕީއޭ އިން އެންމެ ފަހުން ތަފާސް ހިސާބުތަށް އާއްމުކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން  477  މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކޮށްފައިވާ އިރު 176 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. މީގެ އިތުރުން މި ބަލީގައި 23 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ތިން މީހުން ވަނީ މަރުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް