Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 17:00
ފެބްރުއަރީ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އަމީން ފައިސަލް ކޯޓުގައި
ފެބްރުއަރީ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އަމީން ފައިސަލް ކޯޓުގައި
މުހައްމަދު ޝަރުހާން
ޔާމީން ބަންދުކުރި މައްސަލަ
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ނިންމާނެ
ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު
ތިން ވަނަ އަޑުއެހުން، ހެކި ހުށަހެޅުމާއި ޖަވާބުދާރީވުން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

 

ޔާމީން ބަންދުކުރި މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަމީން ފައިސަލުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވައި، ދައުވާ އިއްވާފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިން ދިފާއުވާން ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

 

މި ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ލިޔެކިޔުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އަމީން ފައިސަލްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.

 

އެހެންކަމުން އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވާ އަޑުއެހުމަކީ މައްސަލައަށް ޖަވާބުދާރީވުމަށާއި، މައްސަލައާ ގުޅިގެން ހެކި ހުށަހެޅުމަށް ބާއްވާ އަޑުއެހުމެކެވެ.

 

އަމީން ފައިސަލަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ޔާމީނަށް ހިމާޔަތްދޭން ކަމަށް ބުނެ، ޔާމީނުގެ ނުރުހުމުގައި، އޭނާގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، އާރަށުގައި ބަހައްޓާފައި ވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

 

ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން އަމީން ފައިސަލްގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާއިރު، ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދައަކަށް އެދިވަޑައިގަންނަވާފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ މަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.

 

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

 

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައި ވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށިފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނިގެން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

 

ޔާމީން ބަންދުކުރި މައްސަލައިގައި އަމީން ފައިސަލްގެ އިތުރުން، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ކުރަމުންދާ ކަމަށެވެ.

 

އެ ހާދިސާ ހިނގިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ. ނަމަވެސް، މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް