ސެކަންޑްރީގެ މުޤައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ސެކަންޑްރީގައި ކިޔަވާ ކުދިންނަށް ގުރުއާން މާއްދާއިން އިމްތިހާން ނުދިނުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަނުން ބުނީ ސެކަންޑްރީގައި ކިޔަވާ ދަރިވަރުން ޤުރްއާން މާއްދާއިން އިމްތިޙާނު ކުރުމާ ގުޅޭ ޤައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުޞޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރްޙަލާއެއްގައިވެސް ޢަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.
އިތުރަށް އެޑިއުކޭޝަނުން ބުނީ ސެކަންޑްރީގައި މިހާރު ތިބި ދަރިވަރުންނަކީ އެ ތަރުތީބުން ޤައުމީ މަންހަޖު ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިފައި ނުވާ ދަރިވަރުން ކަމަށެވެ. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެމަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ޙާޞިލްވުމަށް ހުރަސް އެޅޭނޭ ކަމެއް ކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ މިހާރު ސެކަންޑްރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ޤުރްއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީމުޅިން އަލަށް ކަމަށެވެ. އެހެންކަމުން އެފެންވަރުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމުގައާއި އިމްތިޙާންކުރުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައިކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އެހެންކަމުން، މިހާރު ސެކަންޑްރީގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ޤުރްއާން މާއްދާއިން އިމްތިޙާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.
އެޑިއުކޭޝަނުން އިތުރަށް ބުނީ މި ކަންކަމަކަށް ރިޔާއަތްކޮށް، ސެކަންޑްރީގެ މުޤައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިޙާނު ކުރުމުގެ އުޞޫލަށް ޢަމަލު ކުރުން ފަސްކޮށްލުމަށް ކަމަށެވެ. މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށާއި އަދި އެގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރިގޮތްކަމަށް މަޝްވަރާކުރެވުނު ގިނަ ފަރާތްތަކަށް ފެންނާތީކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާކުރުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންނަށް ތައްޔާރުވުމަށް ވަގުތު ނުލިބި ޤުރުއާން މާއްދާއިން އެސް.އެސް.ސީ އިމްތިހާން ދިނުމާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ހަދާފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވެއެވެ.