މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދިނުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހުގީގު ފަށާފައިވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބުނެފިއެވެ.
އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހެށަހެޅިފައިވާ މައްސަލައިގެ ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އެކަމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، އޭސީސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.
އޭސީސީން ބުނެފައިވާގޮތުގައި، 28 ނޮވެމްބަރ 2017 ގައި ކުންފުނީގެ ބޯޑު މީޓިންއިން ޓީއެމްއޭއަށް ޓާމިނަލް ދިނުމަށް ނިންމިއިރު އޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އެނގޭކަމަށެވެ.
އޭސީސީން ބުނެފައިވާގޮތުގައި، އެމްއޭސީއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލްއިން 2017 އަދި 2018 ގައި ރިޒޯޓްތަކަށް ޖާގަކުއްޔަށް ދޫކުރުމަ ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ 314.57 ޑޮލަރު (ތިންސަތޭކަ ސާދަ ޑޮލަރާއި ފަންސާސްހަތް ސެންޓް) އެވެ. އަދި އެންމެ ކުޑަ އަގުގައި އެމްއޭސީއެލްއިން ރިސޯޓްތަކަށް ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރު (އެއްސަތޭކަ ހަތްދިހަ ހަތަރު ޑޮލަރާއި ނުވަދިހަ ދެސެންޓް)ގެ ރޭޓުންކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އެމްއޭސީއެލް އިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށްދޭން މަޝްވަރާކުރެވިފައިވާ، އަކަމީޓަރަކަށް 10.35 ޑޮލަރު (ދިހަ ޑޮލަރާއި ތިރީސް ފަސް ސެންޓް)ގެ ރޭޓަކީ، އެމްއޭސީއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށްކުޑަ އަގެއްކަން ފާހަގަކުރެވެއެވެ.
އޭސީސީން ބުނެފައިވާގޮތުގައި، އެންމެ ބޮޑު އަގު (އަކަމީޓަރަކަށް މަހަކަށް 314.57 ޑޮރަލުގެ ރޭޓު) އާ އަޅާކިޔާއިރު، އެމްއޭސީއެލް އިން އަކަމީޓަރަކަށް މަހަކަށް 10.35 ޑޮލަރު (ދިހަ ޑޮލަރު ތިރީސްފަސް ސެންޓު) ގެ ރޭޓުން ކުއްޔަށް ދީފިކަމުގައިވާނަމަ، އަހަރަކު 55,062,603.12 (ފަންސާސްފަސް މިލިއަން ފަސްދޮޅަސްދެ ހާސް ހަސަތޭކަ ތިން ޑޮލަރު ބާރަ ސެންޓް) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެންމެ ކުޑަ އަގު (އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރުގެ) ގެ ރޭޓާ އަޅާކިޔާފިނަމަ، އަހަރަކު 29,786,511.72 (ނަވާވީސް މިލިއަން ހަތްސަތޭކަ އަށްޑިހަ ހަހާސް ފަސްސަތޭކަ އެގާރަ ޑޮލަރު ހަތްދިހަ ދެ ސެންޓް) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.
އޭސީސީން ބުނެފައިވާގޮތުގައި، އެންމެ ބޮޑު އަގުގެ ރޭޓް (314.57 ޑަޮލަރު) އާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 825,939,047 (އަށްސަތޭކަ ފަންސަވީސް މިލިއަން ނުވަސަތޭކަ ތިރީސް ނުވަހާސް ސާޅިސް ހަތް ޑޮލަރު) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެންމެ ކުޑަ އަގުގެ ރޭޓާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 446,797,676 (ހަތަރުސަތޭކަ ސާޅީސްހަ މިލިއަން ހަތްސަތޭކަ ނުވަދިހަ ހަތްހާސް ހަސަތޭކަ ހަތްދިހަ ހަ ޑޮލަރު) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.
އޭސީސީން ބުނީ، މި މައްސަލައާ ގުޅިގެން މިކޮމިޝަންގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އެކޮމިޝަނުން އެމްއޭސީއެލްއަށް ވަނީ އަންގާފައެވެ. ހަމައެއާއެކު، މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާޢީ ތަޙުޤީޤު ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީން ތަޙްޤީޤުކުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.