އާސެނަލާއި އެކު ކުރިމަގެއް ފެންނަން ނެތް ކަމަށް އެޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފިލްޑަރ މެސެތު އޮޒިލް ބުނެފިއެވެ.
އާ ކޯޗު މިކޭލް އާޓެޓާއާ އެކު އޮޒިލް އަށް ފުރަތަމަ އެގާރައިގައި ހިމެނި ކުޅުމަށް ފުރުސަތު ލިބެމުންދިޔަ ނަމަވެސް އޮޒިލް ބުނީ މި ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓުގައި އޮންނާނީ ބާކީ އެންމެ އަހަރެއް ކަމަށާއި އޭގެ ފަހު ވާނެ ގޮތެއް ނޭގޭ ކަމަށެވެ. ސަބަބަކީ އާސެނަލާއިއެކު އޭނާ އަށް ކުރިމަގު ނުފެންނާތީ ކަމަށާއި، މިހާރު އޭނާގެ އަމާޒަކީ އޭނާ އަށާއި އޭނާގެ ޓީމަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުން ކަމަށާއި އެއަށްފަހު ވާނެ ގޮތެއް ބުނަން ނޭގޭ ކަމަށެވެ.
އާސެނަލް އާއިއެކު އޮޒިލް ކޮންޓްރެކްޓް އާ ނުކޮށްފިނަމަ އޭނާ ދާނެ ކަމަށް ބެލެވެނީ އެމެރިކާގެ މޭޖާ ލީގު ނުވަތަ ތުރުކީ ލީގަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާ ކޯޗު އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެކަމަކު އޮޒިލް ބުނީ އާ ކޯޗު އާޓެޓާއާއިއެކު ކުރިއެރުން ފެންނަ ކަމަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އާސެނަށް އެބައޮތް ކަމަށެވެ. މީގެ އިތުރުން އޮޒިލް ބުނީ އާސެނަލްގެ މިހާރުގެ ޓާގެޓަކީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުން ކަމަށާއި، ނަމަވެސް މި ސީޒަން ކުރީކޮޅަކީ އާސެނަލްއަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
ޖަރުމަނުގެ ސާލްކޭއިން ސީނިއާ ކެރިޔަރުފެށި އޮޒިލް ވަނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއިއެކު ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. ރެއާލުން 2013 ވަނަ އަހަރު އާސެނަލްއަށް ބަދަލުވި އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް ކުޅެދިން 181 މެޗުން 32 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.