Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 14:40
ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހެލްތު މިނިސްޓްރީ
ހިމަބިހި
ހިމަބިހީގެ ހާލަތު ނާޒުކު، ކޮންޓްރޯލް ވި ކަމަކަށް ޤަބޫލެއް ނުކުރެވޭ: އަމީން
މިހާތަނަށް 173 މީހުން ހިމަބިއްސަށް ޓެސްޓް ކުރެވިފައިވޭ
12 މީހަކު ހިމަބިއްސަށް ޕޮސިޓިވްވެފައިވޭ

މިވަގުތު ރާއްޖޭގައި ހިމަބިހީގެ ޙާލަތު ވަރަށް ނާޒުކު ކަމަށާއި، އަދި އެބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަކަށް ޤަބޫލުނުކުރެވޭ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ހިމަބިހި އަނެއްކާވެސް ރާއްޖެއިން ފެނުނު ފަހުން މުޅިން ކޮންޓްރޯލް ކުރެވިފައިވާކަމަކަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި މި ބަލީގެ ނުރައްކާތެރިކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ސަމާލުކަންދީ، އަމިއްލަ އިސް ނެގުމުގެ މަތިން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭކަމަށެވެ.

ހިމަ ބިހީގެ ހާލަތު ނާޒުކު. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވެފައި މި ބަލި ފެނުނު ފަހުން އަދި އަޅުގަނޑުމެންނަށް މުޅިން ކޮންޓްރޯލް ވެގެން ދިޔަކަމަކަށް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން. އެހެންމަ މީގެ ނުރައްކާތެރިކަމަކީ ވަރަށް ބޮޑަށް ފެތުރިގެންދާ ބައްޔެއް މި ބައްޔަކީ
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

އަމީން ވިދާޅުވީ ރާއްޖެއިން އަނެއްކާވެސް ހިމަ ބިހީގެ ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން މިހާތަނަށް 173 މީހުން ހިމަބިއްސަށް ޓެސްޓް ކުރެވިފައިވާ ކަމަށެވެ. އަދި 12 މީހަކު މި ބައްޔަށް ޕޮސިޓިވް ވެފައިވާއިރު ހުރިހާ ކޭސްއެއްވެސް ފެނިފައިވަނީ މާލެ ޞަރަޙައްދުން ކަމަށް އަމީން ވިދާޅުވިއެވެ.

އިތުރަށް އަމީން ވިދާޅުވީ މިހާތަނަށް ކޮންމެ ކޭސްއަކާއި ގުޅިގެން އެފަރާތެއްގެ ކޮންޓެކްޓްސްއަށާއި، ދިރިއުޅޭ ޞަރަޙައްދުގެ ވަށައިގެން ވަކި ހިސާބެއްގައި އުޅޭ ފަރާތްތަކަށް ވެކްސިންދިނުމުގެ ކަންތައްތައް ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 1384 ފަރާތަކަށް ވެކްސިން ދީފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މާލެ ޞަރަޙައްދުގައާއި އަތޮޅު ތެރޭގައި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް ވެކްސިން ދިނުމާއި، 6 މަހާއި 18 މަހާއި ދެމެދުގެ ކުދިންނަށް އިތުރު ޑޯޒެއް ދިނމުގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދެވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް 1780 ކުދިންނަށް ވެކްސިން ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވެކްސިން ދިނުން ކުރިއަށްދާ ކަމަށާއި މިހާތަނަށް 2647 ފަރާތަކަށް ވެކްސިން ދީފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މުޅިއެކު ވެކްސިން މިހާތަނަށް ދެވިފައިވަނީ ޖުމުލަ 7961 ފަރާތަކަށްކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުގެ 14:00 ން ފެށިގެން، މާލެ ޞަރަޙައްދުގެ 4 ތަނެއްގައި، އުމުރުން 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ފުރިހަމަ ނުކުރާ ފާރާތްތަކަށް ވެކްސިން ދިނުމުގެ ޙަރާކާތެއްފަށާނެކަމަށެވެ.

މިނިސްޓްރީން ބުނީ މި ޙަރަކާތަކީ އައުޓްބްރޭކް ރެސްޕޮންސްގެ ގޮތުގައި، އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގެންދާ ބައެއްކަމަށެވެ. އެގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ދަމަނަވެށި، އަދި ސޯޝަލް ސެންޓަރ، ހުޅުމާލޭގައި ހުޅުމާލޭ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާ އަދި ވިލިމާލޭގައި ވިލިމާލެ ފެރީ ޓަރމިނަލް ޞަރަޙައްދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ 23 ފެބްރުއަރީ އިން ފެށިގެން ވެކްސިން ކެމްޕެއިން މުޅިރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭރުން މާލެއާއި އަތޮޅުތެރޭގައި ކަނޑައެޅިފައިމިވާ އުމުރުފުރާގެ ވެކްސިން ފުރިހަމަނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެ ކަމަށާއި އަދި މީގެ ތެރޭގައި ބޭރު މީހުންނަށް ވެސް ވެކްސިން ދޭން ފެށޭނެ ކަމަށެވެ. އަދި މި ކެމްޕެއިންގައި މާލެ ޞަރަޙައްދުގައި އިތުރު ތަންތަނުގައި ވެކްސިން ޕޯސްޓްތައް ބެހެއްޓޭނެ ކަމަށާއި ސްކޫލްތަކަށް ގޮސް ވެކްސިން ފުރިހަމަ ނުވާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެކްސިން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް