ކުރިއަތް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އުދައިގެ އަސަރު އެކި ރަށްތަކަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ ކުރިއަތް އޮތް 24 ގަޑިއިރު އުތުުރާއި މެދުތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށާއި ދެކުނު ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ވައި ޖެހޭނީ އުތުރާއި އިރުއުތުރުން މެދު ތެރޭގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލުގެ ބާރު މިނުގައި ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލު ބާރުމިނުގައި ކަަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. އަދި އުތުރާއި މެދުތެރޭގެ ކަޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާއި ޤައުމީ އިދާރާ އިން ވަނީ ބުނެފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން މުސޫމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ޚާއްޞަކޮށް އުތުރާއި މެދުތެރޭގައި ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ މުސޫމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ އިދާރާ އިން ބުނީ ވައި ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
މިހާތަނަށް އުދައިގެ އަސަރުކޮށްފައިވަނީ:
- ނ. ހޮޅުދޫ
- ށ. ނަރުދޫ
- މ. ދިއްގަރު
- މ. މަޑުއްވަރީ
- ހއ. ހޯރަފުށި
- ރ. ކިނޮޅަސް
- ގއ. ދެއްވަދޫ
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އުދައިގެ އަސަރުކޮށްގެން ނ. ހޮޅުދޫގެ 12 ގެއަކަށް ލޮނުވަދެ، އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި، އެ ރަށުގެ ޙާލަތު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މ. ދިއްގަރު، މ. މަޑުއްވަރީ، ރ. ކިނޮޅަސް، ގއ. ދެއްވަދޫއަށް އުދަ އެރި ނަމަވެސް ގެތަކަށް ގެއްލުންނުވާ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ ރަށްތަކުން ބޮޑަށް ފާހަގަކޮށްފައިވަނީ، އުދައިގެ ސަބަބުން ރަށް ގިރުމުގެ މައްސަލަތައް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އއ. މާޅޮހު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝުޖާއު ވިދާޅުވީ އެ ރަށަށްވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި، ރަށު ރައްޔިތުން ނިކުމުގެ ރަށް ގިރާ ޞަރަޙައްދުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރަށް ގިރާ ޞަރަޙައްދާއި ޢާންމުން ދިރިއުޅޭ ގެތަކުގެ ދުރުމިނަކީ 15 ފޫޓުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޞަރަޙައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑު ދަތުރުކުރާވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެއެވެ. މިގޮތުން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް، ދަތުރަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން، ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސް ކޮށްފައިވެއެވެ.
މީގެ އިތުރުން އަނގަމަތި ކުދި ބޮއްކުރާ އަދި ޑިންގީ ފަދަ އުޅަނދުފަހަރުގައި ދަތުރު ނުކުރުމަށާއި، ރަށްރަށުގެ ކަނޑިންމައިން ވަދެ ނުކުމެ ހަދާއިރު ޚާއްޞަ ސަމާލު ކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދު ފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލުކުރުމަށާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައިއެވެ.