އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތަށް އަގުދެނީ މަޝްރޫޢު ހިންގާ ފަރާތްކަމަށްވާތީ، އީއައިއޭގެ ހަޤީޤީ މަޤްޞަދު ޙާޞިލުނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މެންބަރު ވަހީދު ވިދާޅުވީ އީއައިއޭއަކީ ތިމާވެށި ޤާނޫނުން ބާރުލިބިގެން ހަދާ އެއްޗެއް ކަމަށެވެ. އީއައިއޭއިން މަޝްރޫއެއް ހިންގުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަނެވޭނެވޭއިރު، އީއައިއޭގެ އެންމެ ބޮޑު ބޭނުމަކީ ގެއްލުން ވީހާ ވެސް މަދުކޮށްފައި ފައިދާ ވީހާ ވެސް ގިނަވާނެ ގޮތަށް މަޝްރޫޢޫ ގެންދިއުން ކަމަށް މެންބަރު ވިދާޅުވިއެވެ.
ނަމަވެސް ޢާންމުންގެ ތެރޭގައި އީއައިއޭ މެދު އިތުބާރު ކުޑަވެފައިވާ ކަމަށް މެންބަރު ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ވަހީދު ވިދާޅުވީ އީއައިއޭގައި ޢަމަލުކުރަން ވަކި ކަންތަކެއް ހިމަނާފައިވާ ކަމަށާއި، ވަކި ގޮތަކަށް މަސައްކަތް ކުރުމަށް އިރުޝާދުދީފައިވާ ކަމަށެވެ. ނަމަވެސް އީއައިއޭގެ ރިޕޯޓާ އެގޮތަށް އެހިންގާ މަޝްރޫޢު ކުރިއަށްގެންތޯ ބަލާ މޮނިޓަރ ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންސަލްޓަންޓަށް އަގު ދެނީ ވެސް މަޝްރޫޢު ހިންގާ ފަރާތުން ކަމަށެވެ. އެހެންކަމުން އީއައިއޭގެ މަޤުޞަދު ޙާޞިލު ނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މިހާތަނަށް އީއައިއޭ ހަދާއިރުގައި މިހާތަނަށް ގާނޫނުން އީއައިއޭ ހެދިކަމުގައި ވިޔަސް އީއައިއޭ ހަދާއިރުގަ އީއައިއޭ ހަދާ ކޮންސަލްޓަންޓަށް އަގު ދެނީ ވެސް މަޝްރޫއު ހިންގާ ފަރާތުން. އެހެންވީމަ ވެސް މަގުފަހިވޭ އަޅުގަނޑު ދެކޭ ގޮތުގައި އެމަޝްރޫއު ހިންގާ ފަރާތް ބޭނުންވާ ގޮތަށް ލިޔެލާ އެއްޗަކަށް އީއައިއޭ ވެގެން ދިއުން. އަޅުގަނޑަށް ހީވަނީ ހަގީގަތުގައި އީއައިއޭ މަގުސަދާ އެއްގޮތަށް އީއައިއޭ އެބަޖެހޭ ބައްޓަންވާން. އީއައިއޭއަކީ ހަމަ ރަނގަޅު ދިރާސާއެއް ކުރެވިގެން ހެދޭ އެއްޗަކަށް ވާންޖެހޭ. އެއަށްފަހު އީއައިއޭގައި ހުންނަ ރިކޮމަންޑޭޝަންތައް އީއައިއޭގައި ފާހަގަކޮށްފައި ހުންނަ ހޯދުންތަކާ ނޫން ގޮތަކަށް އެމަޝްރޫއު ހިންގިގެން ނުވާނެ ކަން ކަށަވަރުކުރަން ޖެހޭ.އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
މެންބަރު ވަހީދު ވިދާޅުވީ ތިމާވެށީގެ ކަންކަމުގައި ރައްޔިތުން ގޯސްކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން ސިޔާސީ ކަންކަމުގައި ވަކި ކަމެއް ޙާޞިލުކުރުމަށް ރަނގަޅު ނޫން ގޮތުގައި މަޝްރޫޢުތައް ހިންގާ ކަމަށެވެ.
މިހާރަކަށް އައިސް ތިމާވެއްޓަށް ކުރާ ނެދެވޭ އަސަރުތަކަށް އަލިއަޅުއްވާލައްވާ މެންބަރު ވަހީދު ވިދާޅުވީ ބަނދަރު ހެދުމުގެ ސަބަބުން އާދަޔާ ޚިލާފަށް ރަށްތައް ގިރާކަން ފާހަގަކުރެވޭ ކަމަށެވެ.
ރަނގަޅު ނޫން ގޮތަށް ބިން ހިއްކުމުގެ އޭގެ ނުރަނގަޅު ސަބަބުތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރަށްގިރާ މައްސަލަ ކުއްލިއަކަށް ދިމާވާ މައްސަލާގައި ސަރުކާރުން އެކަމުގެ ހައްލަކަށް އެކަމެއް ކުރާކަމަށްވާނަމަ އެބަ ޖެހޭ އީއައިއޭ އެއްހަދަން. އެހެން އަވަސް އަރުވާލައިގެން އެކަމުގެ ހައްލަކަށް މަސައްކަތް ކުރީމަ އެކަމުގެ ހުރަހަކަށް ބައެއް ފަހަރު އީއައިއޭ ކަންތައް.އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު ވަހީދު ވިދާޅުވީ ވަކި ޚާއްޞަ ޙާލަތެއް އަވަހަށް އެޓެންޑްވެވޭ ގޮތަށް އޮނިގަނޑު ބަދަލުކުރުމަށް ކޮމެޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.