ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް ޢާއިލާގެ ބަޔަކުވެގެން ޖިންސީ ގޯނާކުރި މައްސަލާގައި ހިމެނޭ މީހުންނަށް ދަޢުވާކުރަން ބުރާސްފަތި ދުވަހު ކޯޓަށް ހުށައަޅާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙޫސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ކުއްޖާގެ ކާފަގެ އިތުރުން، މުނި ކާފައަށެވެ. އަދި ކުއްޖާ އަށް އިހުމާލުވި މައްސަލާގައި ކުއްޖާގެ ބައްޕަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާާޅުވީ، ބުރާސްފަތި ދުވަހު އެ މައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕީޖީ ވިދާޅުވީ، ބޮޑެތި މައްސަލަ ތަކުގައި ޕީޖީ އޮފީހުން މަސައްކަތް ކުރަނީ ތަހުޤީޤު ފެށޭއިރަށް ޕީޖީގެ ވަކީލުން ހަމަޖެއްސުން ކަމަށެވެ. އޭގެ ފަހުން ޕީޖީ ވިދާޅުވީ، ކުޑަ ކުއްޖާގެ މައްސަލާގައި ހިމެނޭ ތިން މީހުންގެ އިތުރަށް، އެކަމުގައި ޝަމިލުވާ އިތުރު މީހުންނަށް ދަޢުވާކުރުމަށް ބުރާސްފަތި ދުވަހު ކޯޓަށް މައްސަލަ ހުށައެޅޭ ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަޅުގަނޑަށް ހީވަނީ ތިން މީހުންނަށް ވުރެ ގިނަވާނެހެން ދައުވާ އަޅުގަނޑުމެން ކުރާނެ މީހުންގެ އަދަދު. އެ ފެމިލީގައިވެސް އެބަތިބި ކުޑަ ކުއްޖާ އަށް އިހުމާލުވި އިތުރު ބައެއް މީހުންވެސް އަޅުގަނޑުމެންނަށް ފާހަގަވެފައި.ހުސައިން ޝަމީމް ~ ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީ ވިދާޅުވީ އެކަމުގެ ފުރިހަމަ މަޢުލޫމާތު ބުދަ ދުވަހު މެންދުރު ލިބެނޭ ކަމަށެވެ. ތުއްތު ކުއްޖާގެ މަައްސަލާގައި ހިމެނޭ ތިން މީހުންގެ ބަންދުގެ 30 ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުށްވެރިންނަށް ޙައްޤު ޢަދަބު ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކަމާބެހޭ އިދާރާތުގައި އެދިވަޑައިގެންފައެވެ.