Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 23:29
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން
މިހާރު
ރައްޔިތުންގެ މަޖިލިސް
ބްރޯޑްކޮމްއަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ނަންތައް ބުދަ ދުވަހު ކޮމިޓީއަށް ފޮނުވަނީ
މިއީ މި މަގާމަށް ކުރިތަމަތިލުމަށް ފުރުސަތު ހުޅުވާލި ދެވަނަ ފަހަރު
ކުރިން ރައީސް ފޮނުއްވެވި ނަންތަކުގެ ތެރެއިން އެއްވެސް ނަމަކަށް ކޮމިޓީން ތާއިދު ލިބިފައެއް ނުވޭ

ހުސްވެފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައި ތިބި ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް އެޖެންޑާ ކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ފޮނުވުން އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސުގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައެވެ.

މި މަޤާމަކީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކުރުމުން ހުސްވެފައިވާ މަޤާމެކެވެ.

Advertisement

ޒައިނާ ވަކިކުރުމަށް ފަހު ހުސްވެފައިވާ މަޤާމަށް، ފުރަތަމަ ފަހަރު ހުޅުވާލުމުން އެ ފުރުޞަތަށް އިޖާބަދެއްވާ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. ނަމަވެސް، މިއިން އެއްވެސް ބޭފުޅެއްގެ ނަން ކޮމިޓީން ފާސްވެފައެއް ނުވެއެވެ.

މަޖިލީހުގެ ޤަވައިދުގައިވާ ގޮތުން ނަމަ، ކޮމިޓީން އިންޓަވިއު ކުރާ ފަރާތްތަކުގެ ތެރެއިން ތަޅުމަށް ފޮނުވޭނޭ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ 2/3 (ތިންބައިކުޅަ ދެބައި) އަޣުލަބިއްޔަތުން ފާސްވާ ފަރާތްތަކުގެ ނަން އެކަންޏެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމާއިއެކު، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުރިހާ މެންބަރުން ހަމަވާނެއެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަންތަކާއިއެކު، މިހާރު އެ ކޮމިޝަނުގައި ތިއްބެވީ 6 މެންބަރުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސުގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއްނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވެސް އެޖެންޑާ ކުރެވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް