މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މުދަލުގެ އަގަކީ 420 މިލިއަން ރުފިޔާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު، 21 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ، ކަޅުބިލަ މަހެވެ. އެގޮތުން ޖުމްލަ 104 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިހުރި ކަޅުބިލަ މަސް އެކްސްޕޯޓް ކޮށްފައި ވެއެވެ.
އެކްސްޕޯޓް ކުރެވުނު މުދަލުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ތައިލެންޑަށް އެކަނި 139 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. ރާއްޖެއިން ދެން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަންވިލާތް (18 މިލިއަން ރުފިޔާގެ މުދާ)، އެމެރިކާ (17 މިލިއަން ރުފިޔާގެ މުދާ)، ފަރަންސޭސްވިލާތް (15 މިލިއަން ރުފިޔާގެ މުދާ) އަދި އިނގިރޭސިލާތް (14 މިލިއަން ރުފިޔާގެ މުދާ) އެވެ.
ނަމަވެސް، އިމްޕޯޓް ދަށްވުމާއި ގުޅިގެން، ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދައުލަތަށް 329 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޖެނުއަރީ މަހު ލިބިފައިވަނީ 303 މިލިއަން ރުފިޔާ އެވެ.
2019 ވަަނަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް 303 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބިފައިވަނީ 272 މިލިއަން ރުފިޔާއެވެ. ޖުމްލަ އިމްޕޯޓް ކުރެވުނު މުދަލުގެ އަގަށް ބަލާއިރު، ޖެނުއަރީ މަހުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވެއެވެ. މިއީ ޑިސެމްބަރު މަހާ އަޅާބަލާއިރު، 600 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ފާއިތުވެ މިދިޔަ ޑިސެމްބަރު މަހާއި ޖެނުއަރީ މަހަކީވެސް ޖުމްލަ ގޮތެއްގައި އެކްސްޕޯޓު ވަރަށް ރަނގަޅު ދެ މަހެެވެ. އެގޮތުން ދެ މަހުގެ ޖުމްލައަށް ބަލާއިރު 846 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. ނަމަވެސް، މިއީ 2019 ވަނަ އަހަރުގެ ހަމަ މި ދުވަސްވަރާ އަޅާކިޔާއިރު، 24 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.