ރާއްޖޭގެ ޖުޑީޝަރީ އިޞްލާޙު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެޓަރނީ ޖެނެރަލް އިބްރާޙިމް ރިއްފަތު އިންޑިއާގެ ބަންޑާރަނައިބު ކޭކޭ ވެނުގޯޕާލްއާއި ހިއްސާކޮށްފިއެވެ.
އެޓަރނީ ޖެނެރަލްގެ މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބަންޑާރަނައިބުގެ އިތުރުން، އިންޑިއާގެ ސޮލިސިޓަރ ޖެނެރަލް ތުޝާރް މެހެތާއާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ސަރުކާރުން ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފުޞީލާއި، އޭޖީ އޮފީހުން ކުރިއަށްގެންދާ ޓްރެއިނިންގ ޙަރަކާތްތަކުގެ އިތުރުން، މުސްތަޤުބަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އޭޖީ އޮފީހުން ބުނީ، މި ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ ޚަރަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ބައްދަލުވުންތަކުގައި އެޓަރނީ ޖެނެރަލްގެ އިތުރުން، ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއާއި، ނައިބްރައީސް މަސްތޫރު ހުސްނީގެ އިތުރުން، ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދެވެ. އެގޮތުން ފަނޑިޔާރުގެއާއި ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމާއެކު، މަޖިލީހުގައި ޖުޑީޝަރީއަށް ޚާއްޞަކޮށް "ޖުޑީޝަރީ ކޮމެޓީ"ގެ ނަމުގައި ދާއިމީ ކޮމެޓީއެއްވެސް އުފެއްދި އެވެ.
އޭގެ އިތުރުން، ކޯޓުތަކާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައެވެ. އަދި ކުރިން ސުޕްރީމް ކޯޓުން އަމިއްލައަށް ނަގައިގެން އުޅުނު ޖޭއެސްސީގެ ބާރުތައް އަލުން ޖޭއެސްސީއަށް ކަނޑައެޅިގެންދިއުމާއި، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލު ކުރުން ހިމެނެއެވެ.