Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 23:42
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ރައީސް އޮފީސް
ގައުމީ ސަލާމަތާއި ހަރިޖީ ގުޅުން
އަންހެނުންނަށް ދިމާވާ ތަފާތުކުރުން ނައްތާލާ މުއާހަދާއާއި ގުޅޭ މައުލޫމާތު ހޯދުމަށް އިސްލާމިކް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަނީ!
މުއާހަދާ: "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (CEDAW)"

އަންހެނުންނަށް ދިމާވާ ތަފާތުކުރުން ނައްތާލުމަށް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާގެ ބައެއް މާއްދާތަކަށް، ދިވެހިރާއްޖެއިން ކޮށްފައިވާ އިއުތިރާޟުތައް ނެގުމަށް ނިންމާފައިވާތީ، އެކަންކަމާ ގުޅޭ މަޢުލޫމާތުތައް ހޯދުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އިސްލާމިކް މިނިސްޓަރު އެކޮމެޓީއަށް ހާޒިރު ކުރަން ނިންމީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (CEDAW)" (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (ބީ)، (އީ)، (ޖީ)، (އެޗް) އަދި އެ މާއްދާގެ (2) ވަނަ ނަންބަރަށް ދިވެހިރާއްޖެއިން ކޮށްފައިވާ އިއުތިރާޒުތައް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމެޓީގައި ދިރާސާ ކުރަމުންދާތީ އެވެ.

ސީޑޯ މުޢާހަދާގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (ބީ)، (އީ)، (ޖީ)، (އެޗް) އަދި އެ މާއްދާގެ (2) ވަނަ ނަންބަރަށް ދިވެހިރާއްޖެއިން ކޮށްފައިވާ އިއުތިރާޒުތައް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވާފައިވާ މައްސަލައަކީ ވަޒީރުންގެ މަޖިލީހަށް ވެސް އެމައްސަލަ ހުށަހެޅުމަށްފަހު، ވަޒީރުންގެ މަޖިލީހުން ވެސް އެ މުޢާހަދާގެ އެ މާއްދާތައް ނެގުމަށް ފާސްކޮށްފައިވާ މައްސަލަ އެކެވެ.

މިމައްސަލައާ ގުޅިގެން ހޯމަ ދުވަހުގެ ބައްދަލުވުމަށް ވަނީ އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހާއި ޖެންޑަރ މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރު ކުރައްވާފަ އެވެ.

Advertisement

އެގޮތުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ ސީޑޯ މުޢާހަދާއަކީ ނުވަތަ އަންހެނުންނަށް ކުރެވޭ ތަފާތުރުން ނައްތާލުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

ޔުމްނާ ވިދާޅުވީ އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ކަމަށްވާ، އަންހެނުން ބާރުވެރިކުރުމާއި، އަންހެނުންނަށް ކުރާ ތަފާތުކުރުން ނައްތާލުމާއި އިޤުތިޞާދީ ގޮތުންނާއި ތަޢުލީމީ ގޮތުންނާއި އަދި އިޖުތިމާޤޢީ

އެގޮތުން އަންހެނުންގެ ހިއްސާ އިތުރުކުުމަށްޓަކައި އދ. ގެ ހުރިހާ ޤައުމުތަކުން އެއްބަސްވެފައިވާގޮތަށް މި މުޢާހަދާގައިވެސް ރާއްޖެ ސޮއިކުރުމާއެކު ދިވެހި ދައުލަތަށް ކުރުން ލާޒިމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ދިވެހި ދައުލަތަކީ އިސްލާމީ ޝަރީއަތް ހިނގާ ދައުލަތަކަށްވުމާއެކު، އެ މުއާހަދާގައި ހުރި ބައެއް ކަންތައްތަކަކީ އަޅުގަނޑުމެން ދިރާސާކުރަންޖެހޭ ކަންތައްތަކެއް. އާއިލާއާބެހޭ ގާނޫނު އައުމާއެކު އޭގެއިތުރަށްވެސް އަޅުގަނޑުމެންގެ ސަޤާފަތާއި ދީނާ، މިހުރިހާ ކަމަކަށްބަލާ، އެ މުއާހަދާގައިހުރި ހުރިހާކަމަކަށް އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވޭ،"
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ

ޔުމްނާ ވިދާޅުވީ އެ މުޢާހަދާގައި ރާއްޖެއިން އިޢުތިރާޒުކުރާ ކަންކަން ނެގުމަށް ކުރީގެ ސަރުކާރުގެ ކެބިނެޓުން ފާސްކުރި ކަމަށެވެ. އެހެންނަމަވެސް އޭރު މަޖިލީހަށް އެކަން ހުށަނޭޅި އޮތީ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.

"2001 އަހަރު އަދި 2005 ވަނަ އަހަރު ރިޕޯޓް ހުށަހެޅިގެން އަޅުގަނޑުމެން ރިޕޯޓިންގއަށް ދިޔައިރު، އެބޭފުޅުންވެސް އަދި އަޅުގަނޑުމެންވެސް އެކޮމިޓްމަންޓް ދެވިފައިއޮތީ، މިމުއާހަދާގައި އޮތް 16 ވަނަ މާއްދާގައި ކޮށްފައިހުރި އިއުތިރާޒުތައް ނެގުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެވާހަކަ. ދެ ފަހަރެއްގެ މަތިން ރިޕޯޓިންގއަށްވެސް ދެވުނު އެހެންނަމަވެސް އެމަސައްކަތް ހަގީގަތުގައި ނުކުރެވިވަނީ. އެހެންނަމަވެސް އަޅުގަނޑުމެން ބަންޑާރަ ނައިބުގެ ލަފަޔާއި އިސްލާމިކް މިނިސްޓްރީގެ ލަފާޔާއެއްކޮށް، މީގެކުރީގެ ސަރުކާރުގައިވެސް ކެބިނެޓުން ފާސްކުރެއްވި އެހެންނަމަވެސް މަޖިލީހާ ހަމައަށް ނުފޮނުވިވަނީ،"
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ

އެޓަރނީ ޖެނަރަލްގެ އޮފީހުންނާއި ޖެންޑަރ މިނިސްޓްރީއާއި އޮފިޝަލުން ވިދާޅުވީ، މި މުޢާހަދާއާ ގުޅޭގޮތުން ޢަމަލު ކުރާނީ އިސްލާމިކް މިނިސްޓްރީން ދޭ ލަފާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކޮމެޓީގެ މެންބަރުން ވިދާޅުވީ، ސީދާ އިސްލާމިކް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކޮށް، އޮޅުންފިލުވަންޖެހޭ ބައެއްކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން ކޮމެޓީން ވަނީ އިސްލާމިކް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރައްވައި، އޮޅުންފިލުން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ނިންމާފަ އެވެ. އެކޮމެޓީ ބާއްވާނެ ވަކިތާރީޚެއް ކޮމެޓީގެ މި ބައްދަލުވުމުގައި ނިންމާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް